16 ފެބުރުއަރީ 2019 - 17:12

ނިއު ދިއްލީ (ފެބްރުއަރީ 16) - ކަޝްމީރުގައި އިންޑިއާގެ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް) އަށް އަމާޒުކޮށް ދިން ހަމަލާ އަށް ފަހު ބައިނަލްއަގުވާމީ މުޖްތަމައުން ޕާކިސްތާން މުޅިން އެކަހެރިކޮށްލާނެ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

ކަޝްމީރުގައި ދިން ހަމަލާގައި ވަނީ ޕެރަމިލިޓަރީ ފުލުހުންގެ 46 މީހުން މަރުވެފަ އެވެ. ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޕާކިސްތާނުގެ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުންނެވެ. ޕާކިސްތާނުން ބުނެފައި ވަނީ އެ ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެކަމުގައި ޕާކިސްތާނުގެ ރޯލެއް އޮތް ކަމުގެ ހެކި ދެއްކުމަށް އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވަނީ އިންޑިއާގެ ކިބައިން އެދިފަ އެވެ.

އިންޑިއާގެ ފެޑެރަލް މިނިސްޓަރު އަރުން ޖައިޓްލީ ވިދާޅުވީ ބައިނަލްއަގުވާމީ މުޖްތަމައުން ޕާކިސްތާން ބާކީކޮށްލަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އިންޑިއާ އިން ބުނެފައި ވަނީ ޕާކިސްތާނުން އަބަދުވެސް ޖައިޝީ މުހައްމަދު ޖަމާއަތަށް ހިމާޔަތް ދޭ ކަމަށެވެ. ޕާކިސްތާނުން ދަނީ އެ ޖަމާއަތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެ ޖަމާއަތުގެ ލީޑަރު މައްސޫދު އަޒްހަރަކީ ޓެރަރިސްޓެއް ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ކަނޑައެޅުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާ އިން މީގެ ކުރިން ވެސް މިފަދަ މަސައްކަތްތަކެއް ކުރި ނަމަވެސް ސަލާމަތީ މަޖިލީހުގެ ތެރޭން އެކަމަށް ހުރަސް އަޅާފައި ވަނީ ޕާކިސްތާނުގެ އެކުވެރި ޗައިނާ އިންނެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ކަޝްމީރުގައި ހަމަލާ ދިން މީހުންނަށް ހަރުކަށި ފިޔަވަޅު އަޅައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބުރާސްފަތި ދުވަހު ހަމަލާ ދީފައި ވަނީ އިންޑިއާގެ ސަލާމަތީ އޮފިޝަލުން ތިބި 78 ބަހުގެ ފައުޖަކަށެވެ. ހަމަލާ ދިނީ ސްރިނަގަރާ 20 ކިލޯ މީޓަރު (12 މޭލު) ދުރުން ސްރީނަގަރު-ޖައްމޫ ހައިވޭގަ އެވެ. ގޮވާ ތަކެތި ބަރުކޮށްފައިވާ ކާރެއް އިންޑިއާ ފުލުހުންގެ ބަސްތަކުގައި ޖައްސާ ގޮއްވާލީ އުމުރުން 19-21 އަހަރުގެ ޒުވާނެއް ކަމަށްވެ އެވެ.