"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަަރަށް ބަދަލުކޮށްފި
"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ރިލީޒްކުރާ ތާރީހު ތިން ވަނަ ފަހަަރަށް ބަދަލުކޮށްފި

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމު ރިލީޒް ކުރާ ތާރީހު ތިން ވަނަ ފަހަރަށް ބަދަލުކޮށްފި އެވެ.

ބޮންޑްގެ ރޯލުން ޑެނިއެލް ކްރެއިގް ފެނިގެންދާ ފަހު ފިލްމު އަދި އޭނާ އެ ކެރެކްޓާ ކުޅޭ ފަސް ވަނަ ފިލްމު މިހާރު ރިލީޒްކުރަން ނިންމާފައި ވަނީ އެޕްރީލް، 8، 2020 ގަ އެވެ.

ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު އެންމެ ފުރަތަމަ އިއުލާން ކުރީ މި އަހަރުގެ ނޮވެމްބަރު 8 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. އެކަމަކު ފަހުން ފިލްމު އަންނަ އަހަރަށް ފަސްކޮށް، ރިލީޒްކުރާ ތާރީހަކަށް ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހެވެ.

ނަމަވެސް ތިން ވަނަ ފަހަރަށް ފިލްމުގެ ތާރީހަށް ގެނައި ބަދަލާ އެކު މިހާރު ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އެންމެ ފަހުން ކަނޑައެޅި ތާރީހަށް ވުރެ ގާތްގަނޑަކަށް ދެ މަހެއްހާ ދުވަސް ލަހުންނެވެ.

ބޮންޑްގެ 25 ވަނަ ފިލްމު ރިލީޒް ކުރާ ތާރީހު ބަދަލު ކުރިކަން މީގެ ޕްރޮޑިއުސަރުން ކަމަށްވާ ބާބަރީ ބްރޮކޮލީ އާއި މައިކަލް ޖޭ ވިލްސަން ޓްވިޓާގައި ހިއްސާ ކުރަމުން ބުނީ އައު ތާރީހުގައި ފިލްމު ގެނެސް ދިނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ނަމަވެސް ތާރީހު ބަދަލު ގެންނަން ނިންމި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޮންޑުގެ 25 ވަނަ ފިލްމު ޑައިރެކްޓް ކުރަން މިހާރު ހަވާލުކޮށްފައި ވަނީ ކެރީ ޖޯޖީ ފުކްންގާއާ އެވެ. އޭނާއާ ފިލްމު ހަވާލުކުރީ "ސްލަމްޑޯގް މިލިއަނާ" ގެ ޑައިރެކްޓަރު ޑެނީ ބޮއިލް ފިލްމަށް އެއްބަސްވުމަށް ފަހު، ފަހުން ފިލްމު ދޫކޮށްލުމުންނެވެ.

ޑެނިއަލް ބޮންޑްގެ ރޯލް ކުޅުނު ފަހު ހަތަރު ފިލްމުގެ ތެރެއިން އެންމެ ފަހު ދެ ފިލްމު ޑައިރެކްޓް ކުރީ "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓްގެ ކުރީގެ ފިރިމީހާ ސޭމް މެންޑޭޒެވެ.