ޔާއޯ ފެލިކްސްގެ މައުލޫމާތު 30 ކްލަބަކުން ހޯދައިފި
ޔާއޯ ފެލިކްސްގެ މައުލޫމާތު 30 ކްލަބަކުން ހޯދައިފި

ލިޒްބަން، ޕޯޗުގަލް (ފެބްރުއަރީ 16) - ޕޯޗުގަލްގެ ބެންފީކާ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ޔާއޯ ފެލިކްސްއާ ބެހޭ މައުލޫމާތު ޔޫރަޕްގެ ނަން މަޝްހޫރު 30 ކްލަބަކުން ހޯދާފައިވާ ކަމަށް އޭނަގެ އޭޖެންޓް ޕެޑްރޯ ކޮޑޭރޯ ބުނެފި އެވެ.

މިދިޔަ އަހަރެއްހާ ދުވަހު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ޒުވާން ކުޅުންތެރިއަކީ އުމުރުން 19 އަހަރުގެ ޔާއޯ ފެލިކްސް އެވެ. އޭނާ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ މުސްތަގުބަލުގެ ގޮތުގައި އެ ގައުމުގެ ގިނަ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ޔާއޯ ފެލިކްސް ހޯދަން އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން ވަނީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި މަސައްކަތް ކޮށްފަ އެވެ. އަދި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ޔާއޯ ފެލިކްސް އަށް ތައުރީފުކޮށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. މިދިޔަ މަހުގެ ޓްރާންސްފާގައި ލިވަޕޫލުން ޔާއޯ ފެލިކްސް އަށް ކުރި 61 މިލިއަން ޕައުންޑުގެ ބިޑަށް ބެންފީކާ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.

"ޔާއޯ އަކީ 1999 ވަނަ އަހަރު އުފަންވި ކުޅުންތެރިންގެ ތެރެއިން ނަމޫނާ ކުޅުންތެރިއެއް. މިދިޔަ ފަސް މަހެއްހާ ދުވަސް ތެރޭ އަހަރެން އަތުން ޔޫރަޕްގެ ނަން މަޝްހޫރު 30 ކްލަބަކުން ވަނީ ޔާއޯގެ މައުލޫމާތު ހޯދާފައި. މި ވަގުތަށް ވެސް ޔާއޯގެ ޑިމާންޑް ވަރަށް ބޮޑު،" ކޮޑެރާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ޔާއޯ ފެލިކްސް މިހާރު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ އެހެން ކްލަބަކަށް ވިއްކާލާނީ 120 މިލިއަން ޔޫރޯ އަށެވެ. އަދި ދާދި ފަހުން ޓީމުތަކުން އޭނާ ހޯދަން މަސައްކަތް ކުރަން ފެށުމުން ބެންފީކާ އިން އަންނަނީ އޭނާގެ އަގު ބޮޑުކުރަން ވިސްނަމުންނެވެ.

ޕޯޗުގަލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފެލިކްސްގެ ކުޅުން ބަލަން ރެއާލާއި ބާސެލޯނާގެ ގިނަ އޮފިޝަލުންތަކެއް މިދިޔަ ދެ ހަފްތާގައި ވަނީ ބެންފީކާގެ މެޗުތަކަށް ވެސް ގޮސްފަ އެވެ.