ލިވަޕޫލާ ދެކޮޅަށް ސަމާލުވާންޖެހޭނެ: ނޯޔާ
ލިވަޕޫލާ ދެކޮޅަށް ސަމާލުވާންޖެހޭނެ: ނޯޔާ

މިއުނިކް (ފެބްރުއަރީ 16) - އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާ ދެކޮޅަށް ބަޔާން މިއުނިކުން ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެންކަމަށް އެ ޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ ބުނެފި އެވެ.

ރޭ ޖަރުމަނު ލީގުގައި އޮއުސްބާގާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުން ބަޔާން ވަނީ ފަހަތުން އަރައި 3-2 އިން މޮޅުވެފަ އެވެ. މި މެޗުގައި ނޯޔާ ކުޅުނުއިރު މިއީ އަނިޔާއަށް ފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ނޯޔާ ބުނީ ރޭގެ މެޗުގައި ދެއްކި ކުޅުމަށް ވުރެ ހުރިހާ ގޮތަކުން ރަނގަޅަށް ބަޔާނުން ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ކޮޅަށް ވަނީ ވަރަށް އާދައިގެ ގޯލުތަކެއް. ރަނގަޅަށް ޑިފެންސްކުރަން އަހަރެމެން ބޭނުން. އެކަމެއްނުވި. ލިވަޕޫލަކީ ވަރަށް ރަނގަޅު އެޓޭކިން ޓީމެއް. އަހަރެމެން ޖެހޭނެ މި މެޗަށް ވުރެ ހުރިހާ ގޮތަކުން ރަނގަޅަށް ކުޅެން. ސަމާލުވާންޖެހޭނެ. އަހަރެމެންގެ ނަސީބު އެއީ، އެކަން ރަނގަޅުކުރަން ދެ ދުވަސް އެބައޮތް،" ނޯޔާ ބުންޏެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓްގައި އޮއުސްބާގުން ލީޑުނެގީ ބަޔާނުގެ ލެޔޯން ގޮރެޓްޒްކާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ބަޔާނަށް މެޗުގެ 17 ވަަނަ މިނިޓްގައި އެއްވަރުކޮށްދިނީ ކިންގްސްލީ ކޯމަން އެވެ. އޭގެ ފަސް މިނިޓް ފަހުން ދެކުނު ކޮރެއާގެ ޖީ ވަނީ ލަނޑެއް ޖަހައި އަލުން އޮއުސްބާގުން ވަނީ އަލުން ލީޑުނަގައިފަ އެވެ. ބަޔާނަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ވެސް ކޯމަން އެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ.

ބަޔާން މޮޅުވި ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި އޮސްޓްރިއާގެ ފުލްބެކް ޑޭވިޑް އަލަބާ އެވެ. މި މެޗުގައި ބަޔާނަށް ލިބުނު ގެއްލުމަކީ މެޗުގެ ފަހު ކޮޅުގައި އަނިޔާގެ ސަބަބުން ކޯމަން ބަދަލުކުރަން ޖެހުމެވެ.

ބަޔާނުގެ ކޯޗު ނިކޯ ކޮވަޗް ބުނީ ކޯމަންގެ އަނިޔާއާ ބެހޭގޮތުން އެއްޗެއް ބުނަން އެނގޭނީ ޓެސްޓްތަކަށް ފަހު ކަމަށެވެ. އަދި އޮއުސްބާގާ ދެކޮޅަށް ކުޅުނު މެޗުން ފިލާވަޅުތަކެއް ލިބިއްޖެ ކަމަށާއި ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ފެނުނު މައްސަލަތަކަށް ހައްލެއް ހޯދައިގެން ކަމަށެވެ.

ރޭގެ މޮޅާ އެކު ބަޔާން ވަނީ ލީގުގެ އެއް ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އެ ޓީމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ޑޯޓްމަންޑް އެއް ވަނައިގައި އޮތީ 21 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް 22 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.

ލިވަޕޫލް ދަނޑުގައި ބަޔާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.