25 އޯގަސްޓް 2016 - 13:05

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ލަފާ ދޭނެ މުޝީރަކު ހަމަޖައްސަން ކޮމަންވެލްތުގައި އެދިފައި ނުވާނެ ކަމަށާއި އެއީ ވިސްނާފައި ވެސް ނެތް ކަމެއް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮމަންވެލްތުގެ ވެބްސައިޓުގައި އިއްޔެ އާއްމުކުރި އިއުލާނެއްގައި ބުނި ގޮތުގައި "ސީނިއަ ލީގަލް އެޑްވައިޒަރު"ގެ ޒިންމާއަކަށް ވާނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި އެ ކޮމިޝަންގެ މަސައްކަތްތައް ހިނގާ ގޮތް ބަލައި އިސްލާހު ކުރެވޭނެ ގޮތްތައް ހުށަހެޅުމެވެ. އަދި ޖޭއެސްސީއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ބޭނުންވާނެ ލަފަ އާއި އިރުޝާދު ދިނުމަކީ ވެސް މުޝީރުގެ މަސްއޫލިއްޔަތެއް ކަމަށް އެ އިއުލާނުގައިވެ އެވެ.
ނަމަވެސް ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން "މިހާރު" އަށް ވިދާޅުވީ އެ ކޮމިޝަން އިސްލާހުކުރުން ނުވަތަ އެފަދަ ކަމަކާ ގުޅޭ ގޮތުން ކޮމަންވެލްތާ އެކު އެއްވެސް އިރަކު މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ކޮމިޝަނުން ވެސް އެކަހަލަ ހިޔާލެއް ނުގެންގުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކޮމިޝަންގައި މަޝްވަރާކޮށްގެން ދެއްތޯ އަދި ކޮމަންވެލްތާ ހިސާބަށް ދާނީ؟" ޒަހީން ވިދާޅުވި އެވެ.
ކޮމަންވެލްތުގެ އިއުލާނުގައިވާ ގޮތުން އެއް އަހަރުގެ މުއްދަތަށް ރާއްޖޭގައި މަސައްކަތް ކުރައްވާ މުޝީރު ރިޕޯޓުކުރައްވާނީ ޖޭއެސްސީގެ ރައީސަށެވެ.
އެކަމަކު ޒަހީން ވިދާޅުވީ ޖޭއެސްސީން ނިންމާ ކޮންމެ ކަމެއް ވެސް ނިންމާނީ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި އެ ކަމެއް ހުށަހަޅައި ފާސްކޮށްގެން ކަމަށެވެ. އެހެންވެ، ކޮމިޝަންގެ ރައީސަށް ރިޕޯޓުކުރާ ގޮތަށް މުޝީރަކު ނުވަތަ އެފަދަ އެހެން ބޭފުޅަކު ހަމަޖައްސާ ނަމަ އެކަން ވެސް ކޮމިޝަނަށް ހުށަހަޅައި ނިންމައިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމަންވެލްތުން ބުނެފައިވާ ގޮތުގައި ޖޭއެސްސީ އަށް މުޝީރަކު ހަމަޖައްސަނީ ގާނޫނުގެ ހުކުމް ރާއްޖޭގައި ނެގެހެއްޓުމާ އެކު ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށެވެ. މަތީ ކޯޓެއްގެ ފަނޑިޔާރުކަން ނުވަތަ ދިގު މުއްދަތަކަށް ވަކީލުކަން ކުރައްވައި މި ދާއިރާ އިން ތައުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކޮމަންވެލްތުގެ ކޮންމެ ގައުމެއްގެ ބޭފުޅަކަށް ވެސް، އަންނަ މަހުގެ 11ގެ ކުރިން މި މަގާމަށް ކުރިމަތިލެއްވޭނެ އެވެ.
އިނާޔަތްތަކުގެ ބޭރުން އަހަރަކު 48،400 ޕައުންޑް (982،776 ރުފިޔާ) ދޭ ގޮތަށް ޖޭއެސްސީ އަށް މުޝީރަކު ހަމަޖައްސަން ކޮމަންވެލްތުން ނިންމި އިރު، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ވެފައި ނެތް ކަމަށާއި އިންސާފުވެރި ޝަރީއަތްތަކެއް ވެސް ހިންގަމުން ނުދާ ކަމަށް ބޭރުގެ އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ކޮމަންވެލްތު ވެސް ހިމެނޭއިރު، ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ.
ބޭރުގެ ފާޑުކިޔުންތަކާ ގުޅިގެން ކޮމަންވެލްތާ އެކު މަސައްކަތް ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އޭގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ.
ކޮމަންވެލްތުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން ހާއްސަ މަންދޫބެއް ވެސް ކަނޑައަޅާފަ އެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ އަށް ކަނޑައަޅުއްވާ ހާއްސަ މަންދޫބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ މި މަހު ކުރީކޮޅު ރާއްޖެ ވަޑައިގެން، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވި އެވެ. ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކުރެއްވި އެ ދަތުރު ނިންމަވާލެއްވުމަށް ފަހު އޭނާ ފުރާވަޑައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
މީގެ އިތުރުން، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމެއް އަންނަ މަހު ބާއްވާނެ އެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް ބޭއްވި ސީމެގްގެ ބައްދަލުވުންތަކުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.