ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ
ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގްގެ އުކުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ ބެޓިން ޕާޓްނާޝިޕެއް ފެނިގެން ދިޔަ ހާއްސަ ކްރިކެޓް މެޗުން، މިއަދު ހަވީރު ރައީސްގެ ޓީމު އަތުން އެއާ އިންޑިއާ އިން ހަ ވިކެޓުން މޮޅުވެއްޖެ އެވެ.

ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ
ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ

"މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން ރޭވި މި ސީރީސްގެ ފުރަތަމަ މެޗުން މިއަދު ހެނދުނު އެއާ އިންޑިއާ ޓީމު ވަނީ ރާއްޖޭގެ ގައުމީ ޓީމު އަތުން އަށް ވިކެޓުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ބައްދަލުކުރީ އެއާ އިންޑިއާގެ ޓީމާއި ރައީސް ސޯލިހުގެ ޓީމެވެ.

ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ
ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މިއަދު މެންދުރުފަހު ފެށި މެޗުގައި ރައީސްގެ ޓީމުން ޓޮސް ދިމާވެ ކުޅެން އަރައި 18 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަނޑެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ އޯޕަނިން ބެޓްސްމަން އަދި ކްރިކެޓް ބޯޑުގެ ރައީސް އަހުމަދު އަފްލާހު (އަފޫ) އެވެ. އޭނާ ވަނީ 46 ބޯޅައިން 64 ލަނޑު ހަދައިފަ އެވެ.

ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ
ރައީސް އާއި ޔުވްރާޖްގެ މެޗު: މޮޅުވީ އެއާ-އިންޑިއާ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ އަދި ކުރީގެ ގައުމީ ކެޕްޓަން މޫސާ ކަލީމް ވަނީ 38 ލަނޑު ހަދައިފަ އެވެ. އޭގެ ފަހުން ފަހު އޯވަރުތަކުގައި ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ވަނީ ކުޅުއްވައިފަ އެވެ. އިންޑިއާއާ އެކު 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޔުވްރާޖުގެ އުކުމުގައި، ފައިސަލް ވަނީ 13 ލަނޑު ހައްދަވައިފަ އެވެ. ރައީސް ސޯލިހު ނުބައިނުވެ ތިން ލަނޑު ހެއްދެވި އެވެ.

ޖަވާބުގައި އެއާ އިންޑިއާ އަރައި 15 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 143 ލަނޑު ހެދި އެވެ. އިންޑިއާގެ އިނިންގްސްގައި ޔުވްރާޖް އަރައި ހަޔަކަށް ޖެހި ބޯޅައަކާއި ހަތަރަކަށް ޖެހި ދެ ބޯޅައާ އެކު، ޖުމްލަ 15 ލަނޑު ހަދާފައި ވަނިކޮށް އޭނާ ނުބައިކޮށްލީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ފާއިޒް ސަމަދެވެ. ނީޝާމް ނަސީރު ތަޖުރިބާގެ ބޭނުންކޮށް، އެއްލި ބޯޅަ ޔުވްރާޖަށް އެންމެ ރަނގަޅަށް ފޮނުވައެއް ނުލެވުނެވެ. އޭގެ ފައިދާ ނަގައި ފާއިޒް ބޯޅަ ހިފައި ޔުވްރާޖް ނުބައިކޮށްލީ އެވެ.

ސްރީ ލަންކާ އަށް އުފަން އެކަމަކު އަށްޑިހައިގެ އަހަރުތަކުން ފެށިގެން ރާއްޖެގައި ކުޅެ ކޯޗުކޮށްދީ، އަދި ރާއްޖެ އަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފާއިޒް ބުނީ ވަރަށް އުފާވި ކަމަށެވެ.

"އެރިއިރު ވެސް ޓާގެޓަކަށްވި ޔުވްރާޖް ނުބައިކޮށްލުން،" ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

ރައީސް ސޯލިހު ވެސް ކުރިން ވިކްޓްރީ އަށް ކުޅުއްވި އެވެ. އަދި ނައިބް ރައީސް ފައިސަލް ވެސް ސްކޫލް ދައުރުގައި މޮޅަށް ކުޅުއްވި އެވެ. ރަނގަޅަށް ބެޓްކުރެއްވި ނަމަވެސް، އިންޑިއާގެ އިނިންގްސްގައި ލިބުނު ހާނިއްކައަކާ ގުޅިގެން ފީލްޑްކުރައްވަން ހުންނެވޭ ގޮތެއް ނުވި އެވެ. އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ ވެސް ފައިންޕުޅުގައި އައިސްޕެކެއް އަޅުއްވައިގެންނެވެ.

ރައީސްގެ ޓީމުގައި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް އަނިލް އާއި ޝާމިން ހަބީބާއި އިސްމާއިލް ނިހާދު (އިއްމަ) ވެސް ހިމެނުނެވެ. މީގެ އިތުރުން ސްކޮޑް ކުޅުންތެރިންގެ ގޮތުގައި ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފާއި އިބްރާހިމް އިސްމާއިލާއި މައްލާ އަހުމަދު ނާސިރާއި އިބްރާހިމް ރިޔާޒާއި އިބްރާހިމް ރަޝީދު (ލޯންގޭ) އާއި އަލިމަނިކު (އެއާލަންކާ އަލިބެ) ރިނބިދޫ އަހުމަދު ނާސިރު ފަދަ ކުޅުންތެރިން ބައިވެރިވި އެވެ.

އެއާ އިންޑިއާ ޓީމުގައި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖާސް ބެންގަލޯ އަށް ކުޅޭ މަންވިދާ ބިސްލާ އާއި ސަޗިން ރާނާ އާއި އިންޑިއާގެ ޓެސްޓް ގައުމީ ޓީމަށް ކުޅެފައިވާ ނަމަން އޮހްޖާ އާއި ނަރެންދްރާ ހިރްވާނީގެ އިތުރުން އާސާމާއި ނިއު ދިއްލީ ޓީމަށް ކުޅެފައިވާ ސުކްވިންދާ ސިންގާއި ޖޫނިއާ ގައުމީ ޓީމަށް ކުޅެފައިވާ ރީތިންދާ ސިންގް ސޯދީ ހިމެނުނެވެ.

މި މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ވަނީ، ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލްކުރާ ސަރަހައްދުގައި އިއްޔެ ދިން ޖާނުން ފިދާވުމުގެ ހަމަލާއާ ގުޅިގެން، އިންޑިއާއާ އެކު އޮތްކަން ހާމަކުރުމުގެ ގޮތުން އެއް މިނެޓުގެ ސުކޫތެއް ގެނެސްފަ އެވެ.