15 ފެބުރުއަރީ 2019 - 18:48

އެފްއޭއެމްގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން 19 ކްލަބެއްގެ ސޮޔާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވައިދޭން އެދިފައިވީ ނަމަވެސް، ފީފާގެ ލަފާގެ މަތިން އެކަން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމުން ބުނީ އެ މައްސަލައިގައި ފީފާއާ މަޝްވަރާކޮށްފައިވާ ކަމަށާއި ފީފާގެ ލަފާ އަކީ، އޯޑިނަރީ ކޮންގްރެސްއެއް ކުރިއަށް އޮތުމުން މިވަގުތު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުން މުހިއްމު ނޫން ކަމަށެވެ.
"ވިކްޓަރީ ސްޕޯޓްސް ކްލަބުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް އެދިލައްވާފައިވީ ނަމަވެސް އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މިހާރު ވެސް އިއުލާނުކޮށްފައިވުމާ އެކު އަހަރީ އާންމު ޖަލްސާ އަކީ އެއްވެސް މެމްބަރު ކްލަބަކުން ހިޔާލެއް ފާޅުކުރަން ބޭނުންނަމަ އެކަން ކުރުމުގެ ފުރުސަތު ލިބިދޭ ޖަލްސާއަކަށް ފީފާއިން ދެކޭތީ އޭގެ ކުރިން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ މަގްސަދެއް ނެތްކަމަށް ފެންނަ" ކަމަށް އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މިހާރު ވެސް ތާވަލުކޮށްފައިވާ ގޮތަށް އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.
ވިކްޓަރީގެ ސިޓީގައި އެދިފައިވާ އެއް ކަަމަކީ އެފްއޭއެމްގެ އަސާސީ ގަވާއިދު މުރާޖައާކޮށް ރައީސާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އިންތިހާބުކުރުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރުމަށް ވެސް އެދިފައިވެ އެވެ.
އެފްއޭއެމުން ބުނީ "ފީފާގެ އެއްވެސް މެމްބަރު އެސޯސިއޭޝަނެއް ނޯމަލައިޒްކުރުމާއި ނޯމަލައިޒް ކޮމިޓީއެއް އެކުލަވާލުމަކީ ހަމައެކަނި ފީފާގެ އިހްތިސާސް ތެރޭގައި ހިމެނޭ ކަމެއް ކަމަށް،" ފީފާ އިން އިން އަންގާފައިވާ ކަމަށެވެ.
އެހެންވެ، ވިކްޓަރީގެ އެ އެދުމަކީ ފީފާ އާއި އެފްއޭއެމްގެ ގަވައިދާ ފުށުއަރާ އެދުމެއް ކަމުން އެއާ އެއް ގޮތަށް އަމަލުކުރެވެން ނެތް ކަމަށް ބުނެފައިވެ އެވެ.
މީގެ ކުރިން އެފްއޭއެމްގެ ލީޑަޝިޕްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން މަސައްކަތްކުރީ ނިއު ރޭޑިއަންޓުންނެވެ. އެކަމަކު ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދައްކައި އެފްއޭއެމުން ނިއު ސަސްޕެންޑްކުރުމުން ހުށަހެޅޭ ގޮތްނުވީ އެވެ. ނިއު އިން ތުހުމަތަކުރަނީ އެފްއޭއެމުން އެ ކްލަބް ސަސްޕެންޑްކުރީ އެ މައްސަލަ ހުށަހެޅިޔަ ނުދޭން ކަމަށެވެ.
ވިކްޓަރީން މައްސަލަ ހުށަހެޅިއިރު ބުނެފައިވަނީ ސަސްޕެންޑްކުރިއަށް ޖެހިލުންނުވާ ކަމަށެވެ.
ވިކްޓްރީން ވަނީ ޖުމްލަ ހަތް ސަބަބެއް ދައްކައިފަ އެވެ. އޭގެ ތެރޭގައި އަސާސީ ގަވާއިދާ ހިލާފަށް، އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން ވަކިކުރުމާއި އާ މެމްބަރުން އައްޔަންކުރުން ހިމެނެ އެވެ. އަދި ޝެޑިއުލާ އެއްގޮތަށް މުބާރާތްތައް ކުރިއަށް ނުގެންދެވުމާއި އޭއެފްސީ ކަޕްގައި އެފްއޭއެމްގެ އިހުމާލު އޮވެ ބައިވެރިނުވެވުމުން ރާއްޖޭގެ ކްލަބްތަކަށް ގިނަ ގެއްލުންތަކެއް ވުމެވެ.
ވިކްޓްރީން ދެން ފާހަގަކޮށްފައިވަނީ އެފްއޭއެމްގެ އިމާރާތުގައި ސިޔާސީ އޮފީހެއް ހުޅުވުމާއި ސިޔާސީ ހަރަކާތްތަކުގައި އެތަން ނަހަމަ ގޮތުގައި ބޭނުންކުރުމެވެ. އެކަން ގުޅެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީހެއް އެފްއޭއެމްގެ އިމާރާތަށް 2017 ވަނަ އަހަރު ހުޅުވި ހުޅުވުމާ އެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އޭރު ވިދާޅުވީ އިމާރާތުގެ އެއްވެސް ތަނެއް "މެޑަމް އޮފީސް" ހިންގަން ދީފައިވާ ނުވާނެ ކަމަށާއި އެކަމަކު ބައެއް އަމިއްލަ ކުންފުންޏަކަށް ކުއްޔަށް ދީފައިވާ ކަމަށާއި، އެ ކުންފުނިން އެ ތަން އެހެން ބަޔަކަށް ދިނުމަކީ އެފްއެމްއޭ ގުޅޭ ކަމެއް ނޫން ކަމަށެވެ.
އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު އިސްވެ، ކުރައްވަމުންގެންދާ ކަންތައްތަކުގެ ސަބަބުން އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަދެފިނަމަ ރާއްޖެ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރު ފީފާއިން ދީފައިވާ ކަމަށް އެފްއޭއެމުން މިއަދު ނެރުނު ބަޔާނުގައިވަނީ ބުނެފަ އެވެ.