16 ފެބުރުއަރީ 2019 - 07:14

އިންޑިއާގެ މަޝްހޫރު ސުޕަސްޓާ ކަމަލް ހަސަންގެ ވަދާއީ ފިލްމު "އިންޑިއަން 2" ގެ ވިލަންގެ ރޯލް ކުޅެން ލިބުނުކަން ކަށަވަރުކޮށް ދިނުމަށް ފަހު، އެ ފިލްމު ދޫކޮށްލާފައިވާ ކަމަށްވޭ އަޖޭ ދޭވްގަން ބުނެފި އެވެ.
މިދިޔަ އަހަރު ރަޖްނީކާންތުގެ "2.0" ގެނެސްދިން ޑައިރެކްޓަރު ޝަންކަރުގެ ފިލްމުން ލިބުނު ފުރުސަތު އަޖޭ ދޫކޮށްލީ އެ ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ. މި މަހުގެ 22 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" ގެ ޕްރޮމޯޓް ކުރަމުން އަންނަ އެކްޓަރު މި ވަގުތު އަންނަނީ "ތާނަޖީ: ދި އަންސަންގް ވޮރިއާ: ގެ މަސައްކަތް ކުރަމުންނެވެ.
އަޖޭ ބުނީ "އިންޑިއަން 2" ދޫކޮށްލީ ފިލްމުގައި ނުބައިބައި ރޯލް ކުޅެން ބޭނުން ނުވެގެން ނޫން ކަމަށެވެ.
"އަހަރެން ހަގީގަތުގައި ވަރަށް ގަޔާވޭ އެކަހަލަ ރޯލްތަކަށް. ކޮމްޕެނީ އާއި ކާކީގައި ވެސް އަހަރެން ކުޅެފައި އިންނާނީ ނެގެޓިވް ރޯލްތަކެއް. އަދި އެ ރޯލްތަކަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ވެސް ބޮޑު،" އަޖޭ ބުންޏެވެ. "އެކަމަކު ޝަންކަރުގެ ފިލްމު ދޫކޮށްލަން ޖެހުނީ ތާނަޖީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާތީ އެއަށް ވަގުތު ދެމުން އެހެން ފިލްމަކަށް ވަގުތު ހުސްކުރެވެން ނެތީމަ. އެހެން ނޫން ނަމަ އަހަރެން ފިލްމު ކުޅުނީމުސް. ކުޅެން ލިބުނު ރޯލާ ދޭތެރޭ ވެސް އަހަރެން ވަރަށް ހިތްހަމަޖެހުނު."
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ވެސް ހިމެނޭ އަޖޭ ބުނި ގޮތުގައި ކުރިން އެހެން އެކްޓަރަކަށް ހުށަހެޅި ރޯލެއް ކުޅުމަކީ ވެސް އޭނާ އަށް މައްސަލައެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުން "އިންޑިއަން 2" ގެ ނުބައިބައި ރޯލް އަޖޭ އަށް ހުށަހެޅި "2.0" ގައި ވެސް ވިލަންގެ ރޯލް ކުޅުނު އަކްޝޭ ކުމާރު ފިލްމު ދޫކޮށްލުމުންނެވެ. އޭނާ ވެސް ފިލްމަށް އެއްބަސް ނުވީ އެހެން ފިލްމުތަކެއްގައި ބިޒީވެގެންނެވެ.
އަޖޭ އާއި އަކްޝޭ "އިންޑިއަން 2" ދޫކޮށްލާފައިވާތީ، ފިލްމު މިހާރު އަބީޝެކް ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ. އެކަމަކު ފިލްމުގެ ޓީމުން އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
ޝަންކަރު 1996 ގައި ގެނެސް ދިން "އިންޑިއަން" ގެ ދެވަނަ ބައިގެ ބަތަލާއަކީ ސައުތުގެ މަޝްހޫރު ޒުވާން ބަތަލާ ކާޖަލް އަގްރަވާލެވެ. ކުރީގެ ފިލްމުގެ ބަތަލާއިންނަކީ އުރްމިލާ މަޓޯންޑްކަރާއި މަނީޝާ ކޮއިރަލާ އެވެ.