ޓައިގާ އާއި ޑިޝާ އެންގޭޖްވީތަ؟
ޓައިގާ އާއި ޑިޝާ އެންގޭޖްވީތަ؟

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓްނީ އެކީގައި ޗުއްޓީތަކަށް ދިއުމާއި އެކީގައި އެކި ތަންތަނުން ފެނުމަކީ އާންމު ކަމަކަށް ވިޔަސް، ރައްޓެހިވެގެން އުޅޭ ކަމަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. އެކަމަކު އެކުވެރި ކަމަކަށް ވުރެ ދެ ތަރިންގެ ގުޅުން ބަދަހިވެފައި، ޓައިގާގެ އާއިލާއާ ވެސް ޑިޝާ ވަރަށް ގާތްކަން އެނގެ އެވެ.

ވަކިން ހާއްސަކޮށް ޓައިގާގެ މަންމަ އައިޝާ ޝްރޮފާ އާއި ޑިޝާގެ މެދުގައި އޮންނަ ގުޅުން ބޮޑު ކަމަށާއި ޅީދަރިއެއްގެ ގޮތުގައި ޑިޝާއަކީ އައިޝާ ވަރަށް ރުހޭ ތަރިއެއް ކަމަށްވެ އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން މި ދެ ތަރިން އެންގޭޖް ވެސް ވެއްޖެ އެވެ. މި ވާހަކަ ފެތުރެން ފެށީ ބުރާސްފަތި ދުވަހު ފާހަގަކުރި ލޯބިވެރިންގެ ދުވަހު ދެ ތަރިން އިނގިލީގައި އަޅާފައި އިން އޮނގޮޓިއެއްގެ ފޮޓޯ ޓްވިޓާގައި ހިއްސާކުރުމުންނެވެ.

ޓައިގާ އަނގޮޓި އަށް ބޮސް ދީގެން އިން ފޮޓޯގެ އޭގެ ކެޕްޝަނަކަށް އިނީ "ޓާންސް އައުޓް އައި އެމް ޓޭކެން" އެވެ. އެ ޖުމްލަ އިން ދޭހަކޮށް ދެނީ ޓައިގާ ހުރީ ހުސްހަށިބަޔަށް ނޫން ކަމެވެ. އަދި ޑިޝާ ޕޯސްޓް ކުރި ފޮޓޯގައި އަނގޮޓި އޮތް އިނގިއްޔަށް ބޮސް ދީގެން އިން އިރު އޭގެ ކެޕްޝަނަކަށް އިނީ "ސަމްވަން ޕޮޕްޑް ދި ކްއެޝަން...އެންޑް އައި ސެޑް ޔެސް" އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ލަފާކުރަނީ އެ ފޮޓޯއަކީ އެންގޭޖްވިކަން އަންގަން ޓައިގާ އާއި ޑިޝާ ޕޯސްޓް ކުރި ފޮޓޯތަކެއްގެ ގޮތުގަ އެވެ.

މި ދެ ތަރިން ވަނީ މިދިޔަ އަހަރު އެކީގައި ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު ބޮކްސް އޮފީހުގައި އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ބާގީ 2" އެވެ.

އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާން ހާންގެ "ބާރަތު" ގައި ޑިޝާ މި ވަގުތު މަސައްކަތް ކުރަމުން އަންނަ އިރު، ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ސިނަމާތަކަށް އަންނަން އޮތީ އަންނަ މެއި މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އެވެ.