ޓްރަމްޕް ފަލަ، އެކަމަކު ސިއްހަތު ރަނގަޅު: މެޑިކަލް ރިޕޯޓް
ޓްރަމްޕް ފަލަ، އެކަމަކު ސިއްހަތު ރަނގަޅު: މެޑިކަލް ރިޕޯޓް

ވޮޝިންޓަން (ފެބްރުއަރީ 15) - އެންމެ ފަހުގެ މެޑިކަލް ޓެސްޓަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބަރުދަން އިތުރުވެފައިވާ ކަމަށާއި ނަމަވެސް ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ވައިޓް ހައުސްގެ ރަސްމީ ޑޮކްޓަރު ޝޯން ކޮންލޭ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕުގެ ކޮލެސްޓްރޯލް ލެވެލް ދަށް ކުރުމަށް މަތީ ޑޯޒެއްގެ ބޭސް ދޭ ކަމަށް މެޑިކަލް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މިދިޔަ ހަފުތާގައި ހެދި މެޑިކަލް ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި ޓްރަމްޕުގެ ބަރުދަނަކީ 243 ރާތާ (110 ކިލޯ) އެވެ. މިދިޔަ އަހަރު ޓްރަމްޕުގެ ބަރުދަނަކީ 239 ރާތަލެވެ. ޑޮކްޓަރުން ފާހަގަކޮށްފައިވާ ގޮތުގައި ޓްރަމްޕުގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) މިހާރު ހުރި މިންވަރަކީ ކްލިނިކަލް ގޮތުން ބަލާ އިރު ފަލަ މީހުންގެ ކެޓަގަރީ އެވެ.

"ރައީސް ފުރިހަމަ ސިއްހަތެއްގައި ބެހެއްޓޭނެ ގޮތް ހެދުމަކީ އަޅުގަނޑުގެ އެދުމެއް،" އުމުރުން 72 އަހަރުގެ ޓްރަމްޕުގެ މެޑިކަލް އެގްޒަމިނޭޝަނަށް ފަހު ޑޮކްޓަރު ނެރުއްވި ކުރު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޓްރަމްޕުގެ ބަރުދަނުން 10 ރާތާ ދަށްކުރުމަށް ކުރިން ވެސް ޑޮކްޓަރުން ވަނީ ލަފާދީފަ އެވެ.

އިސްކޮޅުގައި ހަ ފޫޓް ތިން އިންޗި (1.9 މީޓަރު) ހުންނަ ރައީސް ޓްރަމްޕަކީ ފާސްޓް ފުޑަށް ލޯބިކުރައްވާ ބޭފުޅެކެވެ. ރައީސް ޓްރަމްޕަކީ އެލްކަހޯލް ހިއްޕަވައި އަދި ދުންފަތުގެ އިސްތިއުމާލް ކުރައްވާ ބޭފުޅެއް ވެސް ނޫނެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ޓްރަމްޕް ވަނީ ރައީސް ކަމަށް އިންތިޚާބުވެއްޖެ ނަމަ އެމަނިކުފާނަކީ އެންމެ ސިއްހަތު ރަނގަޅު ރައީސް އަށް ވާނެ ކަމަށް ވިދާޅުވެފަ އެވެ.