15 ފެބުރުއަރީ 2019 - 11:13

ކުޑަކުދިންނަށް މިނިވަންކަމާ އެކު މާލޭގެ މަގުތަކަށް ނުކުމެ، ކުޅެ އުޅެވޭނެ ފުރުސަތު ދިނުމަށް މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު މާލޭގެ ކޮންމެ އަވަށަކުން މަގެއް، ވަކި ވަގުތަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭ ގޮތަށް ބަންދު ކުރަން ފަށައިފި އެވެ.

"ދުޅަހެޔޮ، ހަށިހެޔޮ، އަވައްޓެރިޔާ" ޕްރޮގްރާމް މިއަދު ސިޓީ ކައުންސިލުން ފަށާފައިވާއިރު ބަންދުކޮށްފައިވާ މަގުތަކަށް ނުކުމެ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ އެކުގައި ތަފާތު ކުޅިވަރުތައް ކުޅެ ވަގުތު ހޭދަކޮށްފަ އެވެ. ބަންދުކުރާ މަގުތަކުގެ ޓްރެފިކް ކަންކަން ފުލުހުން ބަލަހައްޓަ އެވެ.

މާލޭގެ ހަތަރު އަވަށުން ހަތަރު މަގު މިއަދު ހެނދުނު ވަނީ ބަންދުކޮށްފަ އެވެ. އެއީ ދަނބުރުއްމަގާއި ދޮންއަދަރާދަހިނގުމާއި ލަންސިމޫގޯޅީގެ އިތުރުން ސަބުދެލިމަގެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 7 އިން 10 އަކަށް އެ މަގުތައް ބަންދު ކުރަން ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެގޮތަށް މަގުތައް ބަންދު ކުރުމުގެ ބޭނުމަކީ ކުޑަކުދިންނަށް އަވައްޓެރިންނާ އެކު ކުޅެއުޅުމުގެ ފުރުސަތު ދިނުން ކަމަށެވެ.
"ކުދިންނަށް ނޭވާލައި އުޅެލަން ފުރުސަތު ދޭން ބޭނުމީ. ކޮންމެ އިރަކު މައިންބަފައިނަށް ނުދެވިދާނެ އެކުދިން ގޮވައިގެން ޕާކަކަށް. މަގަކީ އެންމެންގެ ތަނެއް. ހަމަ އެކަނި ދުއްވާ މީހުންގެ ތަނެއް ނޫން،" ޝިފާ ވިދާޅުވި އެވެ.
މަގުތަކަށް ކުދިން ކުޅެން ނެރުމަށް ބާރު އެޅުމަށާއި ހޭލުންތެރިކުރުމަށް ކުރިއަށް އޮތްތަނުގައި ތަފާތު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދާނީ ރައްޔިތުންގެ ހިޔާލާ އެކު ރައްޔިތުން އެދޭ ގޮތަށް ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.
ދުއްވާއެއްޗެހި ގިނަވެ ހިނގައި ބިނގާވެ އުޅެން ދަތިވެފައިވާ މާލޭގެ ޓްރެފިކަށް ހައްލު ގެނައުމަކީ މިސަރުކާރުގެ ވައުދެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ވަނީ މާލޭގެ ބައެއް ހަނި ގޯޅިތައް ހަމައެކަނި ހިނގާ ބިނގާވެ އުޅޭ ތަންތަނުގެ ގޮތުގައި ހަމަޖައްސައި، ބަންދުކޮށްފަ އެވެ.