15 ފެބުރުއަރީ 2019 - 10:45

މާފަންނު މަދަރުސާގެ 35 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ފަށައިފި އެވެ.

މާލޭގައި ކުޑަކުދިންނަށް ކިޔަވައިދޭ ޕްރީ ސްކޫލަށް މިއަދު 35 އަހަރު ފުރުނު ކަމަށް ވީ ނަމަވެސް، އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ރަސްމީކޮށް ފެށީ އެކަމާ ގުޅޭ ހާއްސަ އެސެމްބްލީއަކާ އެކު އިއްޔެ އެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރެވެ.

މާފަންނު މަދަރުސާގެ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި މިއަދު ހެނދުނު އެ ސްކޫލްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކަސްރަތުކުރުމުގެ ކުރު ހަރަކާތެއް ވަނީ ބާއްވައިފަ އެވެ. އެ އަށް ފަހު، ރަސްފަންނު ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ކުޑަކުދިންނަށް ވޯޓާ ސްލައިޑްގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ. ދަރިވަރުންނަށް މަޖާ މާހައުލެއް ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ސްކޫލުގައި މިހާރު ކިޔަވާ ކުދިންނާއި މިދިޔަ އަހަރު ސްކޫލު ނިންމި ބައެއް ދަރިވަރުން ވެސް ބައިވެރިވި އެވެ.

މާފަންނު މަދަރުސާގައި 14 އަހަރު މަސައްކަތް ކޮށްފައިވާ، އެ ސްކޫލުގެ ލީޑިން ޓީޗަރު ފާތިމަތު ޔޫސުފް ވިދާޅުވީ އެ ހަރަކާތައް ފަހު ރަސްފަންނުގައި ހާއްސަ ހެނދުނުގެ ކެއުމެއް އޮންނާނެ ކަމަށެވެ. އަދި އެއަށް ފަހު ކުދިންތައް މޫދުގައި ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފަދަ ހަރަކާތެއް އެހާ ކާމިޔާބު ކަމާއި އެކު، ބޭއްވީ ދަރިވަރުންގެ ބެލެނިވެރިންގެ ހިތްވަރާއި ބުރަ މަސައްކަތުން ކަން ފާހަގަަކޮށް، ބެލެނިވެރިންނަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ. އަދި މިއަދުގެ ހަރަކާތްތަކަށް މާލޭ ސިޓީ ކައުންސިލުންނާއި އެމްއެންޑީއެފުން ދިން އެއްބާރުލުން ފާހަގަކޮށް، އެތަންތަނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
މާފަންނު މަދަރުސާގެ އަހަރީ ދުވަހާ ގުޅިގެން، މި އަހަރު ތެރޭގައި ދެން ކުރަން ރާވާފައި ހުރި އެހެން ހަރަކާތްތަކުގެ ތެރޭގައި ފަންޑު ރެއިޒިން އާއި ޑިނާ ނައިޓެއް ހިމެނޭ ކަމަށް ވެސް ފާތިމަތު ވިދާޅުވި އެވެ. އަދި އެ ސްކޫލުގައި ކިޔަވާ ދެމުންނަ އަންނަ ޓީޗަރުންނަށް އިތުރަށް އުނގަންނައި ދިނުމަށް ވެސް ހާއްސަ ޕްރޮގްރާމްތަކެއް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ އެކަނި ކުޅިވަރެއް ނޫން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. ޓީޗަރުންގެ ކުރިމަގަށް، ކުރިއެރުވުމަށް ވެސް އަޅުގަނޑުމެން މަސައްކަތް ކޮށްފައި ވާނެ،" ޓީޗަރުންގެ ކުރިއެރުވުމަށް ރާވާފައިވާ ހާއްސަ ވޯކްޝޮޕްތަކާ ގުޅޭގޮތުން ފާތިމަތު ވިދާޅުވި އެވެ.
މާފަންނު މަދަރުސާގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓާ ސްލައިޑްގެ ހަރަކާތްތަކުގައި ބައިވެރިވި އެ ސްކޫލުގެ ދަރިވަރެއް ކަމަށްވާ އުމުރުން ފަސް އަހަރުގެ މިޝާ ބުނީ ސްލައިޑުން ފައިބަން ކުޑަކޮށް ބިރުގަތް ނަމަވެސް، ވަރަށް މަޖާ ކަމަށެވެ.