15 ފެބުރުއަރީ 2019 - 07:09

ޕެރިސް، ފްރާންސް (ފެބްރުއަރީ 15) - ޔުއެފާ ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އާސެނަލް ކުޅުނު މެޗުން ފުޓްބޯޅައިގައި ޔޫރަޕުގެ އާދައިގެ ގައުމެއް ކަމަށްވާ ބެލަރޫސްގެ ބޭޓް ބޮރިސޯފް އަތުން 1-0 އިން ބަލިވިއިރު، ސްވިޑަންގެ މަލްމޯ އަތުން 2-1 އިން ޗެލްސީ މޮޅުވެއްޖެ އެވެ.
ބޭޓް ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ހަަމައެކަނި ލަނޑު މެޗުގެ 45 ވަނަ މިނިޓްގައި ޖެހީ ސްޓަނިސްލާވް ޑްރަގޫން އެވެ. އޭނާ މި ލަނޑު ޖެހީ އީގޯ ސްޓަސެވިޗް ނަަގައިދިން ހިލޭ ޖެހުމަކުންނެވެ. މެސުޓް އޮޒިލް ނުހިމަނައި ކުޅުނު މި މެޗު އާސެނަލުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ފްރާންސް ފޯވާޑް އަލެކްސަންޑަ ލަކަޒޭޓް ބޭޓް ކުޅުންތެރިއަކަށް ނުރައްކާތެރި ފައުލެއް ކުރުމުން ރަތްކާޑެއް ދެއްކުމުންނެވެ. އެއާ އެކު އަންނަ ހަފްތާގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ލަކަޒޭޓް ވަނީ ސަސްޕެންޑްވެފަ އެވެ.
މިއީ ބޭޓް އަށް އިނގިރޭސި ޓީމެއް އަތުން އަމިއްލަ ދަނޑުގައި ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން އެ ބޭޓް އަށް އިނގިރޭސި ޓީމެއް އަތުން ލިބުނު ހަމައެކަނި މޮޅަކީ 2009 ވަނަ އަހަރު ރަށުންބޭރުގައި އެވަޓަން އަތުން ހޯދި މޮޅެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މި މެޗުން ބަލިވި ނަމަވެސް އޭނާގެ ޓީމަށް އަދި ފުރުސަތު އެބައޮތް ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ނަތީޖާ އަނބުރާލެވޭނެ ކަމަށެވެ.
އެންމެ ފަހުން ކުޅުނު މެޗުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަތުން 6-0 އިން ޗެލްސީ ބަލިވެފައިވަނިކޮށް ރޭ މަލްމޯ އަތުން މޮޅުވެ، ޔޫރޮޕާ ލީގުގައި އެ ޓީމުން ވަނީ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. މިއީ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަށް އޮތް ޕްރެޝަރަށް ލިބޭނެ ލުޔެކެވެ.
މަލްމޯ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީ އަށް މެޗުގެ 30 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ރޮސް ބާކްލޭ އެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ލީޑުފުޅާކޮށްދިނީ މެޗުގެ 58 ވަނަ މިނިޓްގައި އޮލިވިއޭ ޖިރޫޑް އެވެ. މަލްމޯގެ ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނިޓްގައި ޖެހީ އެންޑާސް ކްރިސްޓަންސަން އެވެ.
ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޔޫރޮޕާ ލީގުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ އިން ވަނީ 1-0 އިޓަލީގެ ލާޒިއޯ ބަލިކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފަހު ވަގުތު ކެޓި އިންޓަ މިލާން ކުޅުނު މެޗުން ވަނީ ރެޕިޑް ވިއޭން އަތުން 1-0 އިން މޮޅުވެފަ އެވެ. އޮލިމްޕިއާކޯސް އާއި ޑިނަމޯ ކިއޭވް 2-2 އިން އެއްވަރުވިއިރު، ސެލްޓިކް އަތުން ވެލެންސިއާ މޮޅުވީ 2-0 އިންނެވެ. ނަޕޯލީން 3-1 އިން އެފްސީ ޒިއުރިކް ބަލިކުރިއިރު، ޝަހުތަރު ޑޮނެސްކާއި އެއިންޓްރަކްޓް ފްރޭންކްފާޓް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.