15 ފެބުރުއަރީ 2019 - 07:18

ލަންޑަން (ފެބްރުއަރީ 15) - ރެއާލް މެޑްރިޑުގެ ކޯޗުކަން ކުރަން ލިބުނު ފުރުސަތުތައް ދޫކޮށްލެވުނީތީ ދެރަވެ، މާޔޫސްނުވާ ކަަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ބާވީސް އަހަރަށް ފަހު އާސެނަލް ދޫކޮށްލުމަށް ފަހު ވެންގާ މި ވަގުތު ހުރީ ވަޒީފާއެއް ނެތި އެވެ. އޭނާ މީގެ ކުރިން ވަނީ މިދިޔަ ޖެނުއަރީ މަހު ޓީމަކާ ހަވާލުވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެކަމަކު މިހާތަނަށް އޭނާ އަދި ރަސްމީކޮށް އެއްވެސް ޓީމަަކާ ހަވާލެއްނުވެ އެވެ. އެކަމަކު ކޮންސަލްޓަންޓެއްގެ ގޮތުގައި ޕީއެސްޖީ އަށް ވަނީ ބައެއް ކަންތައްތަކުގައި ލަފާ ދީފަ އެވެ.
ބެއިން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ އަލުން ކޯޗިން އަށް އެނބުރި އަންނައިރު ރެއާލަށް އައުމަކީ އޭނާގެ ވިސްނުމުގައި ނެތް ކަމެއް ކަމަށެވެ. އަދި އާސެނަލްގެ ކޯޗަކަށް ހުއްޓައި ރެއާލަށް ދާން ފުރުސަތު ލިބުމުން އޭގެ ބޭނުންނުހިފީ ސަބަބުތަކެއް އޮތުމުން ކަމަށެވެ.
"އަހަރެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ރެއާލަށް ނޫނެކޭ ބުނެފިން. މިހާރު އެ ޓީމުގެ ދޮރު އަހަންނަށް ހުރި ބަންދުވެފައި. އަހަންނަށް ކުރިން ލިބުނު ފުރުސަތުތައް ދޫކޮށްލެވުނީތީ ހިތާމައެއްނުކުރަން. އެއީ އޭރު އަހަންނަށް މާ މުހިއްމު އާސެނަލަށް އޮތް ވަފާތެރިކަން ދެއްކުން،" އާސެނަލަށް ހަތް އެފްއޭ ކަޕާއި ތިން ލީގު ހޯދައިިދިން ވެންގާ ބުންޏެވެ.
އޭނާ ބުނީ ރެއާލަށް ނޫނެކޭ ބުނެވޭނީ ވަރަށް ސާބިތުކަމާ އެކު ހުރެވޭ ކޯޗުންނަށް ކަމަށެވެ.
"ދުނިޔޭގެ ކޮންމެ ކޯޗެއް ގާތުގައި ވެސް ރެއާލް މެޑްރިޑާ ހަވާލުވާނަންތޯ އަހައިފިއްޔާ ކޮންމެ މީހެއް ވެސް އާނއެކޭ ބުނާނެ. އެއީ ރެއާލަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބަކަށްވީމަ. އެކަމަކު އަހަރެން ކަހަލަ މީހަކަށް ހަމައެކަނި ބޭނުންވަނީ ބޮޑު ޓީމެއްގައި ހުރުމެއް ނޫން. ޗެލެންޖް ނެގުން،" އުމުރުން 69 އަހަރުގެ ވެންގާ ބުންޏެވެ.
ވެންގާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބުގެ ގޮތުގައި އާސެނަލް އޮތް އޮތުމުގެ ޝުކުރު ހައްގުވާ ފަރާތެވެ. އެގޮތުން 1996 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވިއިރު ހައިބަރީ ކިޔާ އާދައިގެ ސްޓޭޑިއަމަކާއި މަދު މުވައްޒަފުންތަކެއް ތިބި ނަމަވެސް ފަހުން އެ ކްލަބުން ވަނީ ބޮޑު ސްޓޭޑިއަމެއް ބިނާކޮށް ފައިދާ ނެރެން ފަށައިފަ އެވެ. އާ ސްޓޭޑިއަމްތައް ބިނާކުރުމުގައި ކްލަބްތަކުން އެންމެ ބޮޑު މިސާލު ނަގަނީ ވެސް އާސެނަލްގެ މޮޑެލުންނެވެ.
"އަހަންނަށް ރެއާލުން ފުރުސަތު ލިބުނީ ބުރަ މަސައްކަތެއްގެ މެދުތެރެއިން. އާސެނަލުގައި އަހަރެން ބޮޑު ދަނޑެއް އެޅުމުގެ އިންވެސްޓްމަންޓުގައި އެހީވިން. އެ ދަނޑު ހަދަން ލިބުނު ފައިސާގެ ބަދަލު ކްލަބަށް އެއްކޮށް ދެއްކި އަމިއްލަ ފައިމައްޗަށް ތެދުވެންދެން އަހަރެން ކްލަބްގައި މަޑުކުރާނެކަމަށް ބުނިން. އެ ހުރިހާ ކަމަކަށް ބަލާއިރު އާސެނަލްގައި މަޑުކުރަން ނިންމި ނިންމުމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ،" ވެންގާ ބުންޏެވެ.