15 ފެބުރުއަރީ 2019 - 07:12

ޒިއުރިކް (ފެބްރުއަރީ 15) - ޖަރުމަނަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިނީ ފީފާގެ ނުފޫޒާ އެކު ކަމަށް ބުނާ މައްސަލައިގައި އޭރު ފީފާގެ ރައީސަކަށް ހުރި ސެޕް ބްލެޓާއާ އަނެއްކާ ވެސް ސުވާލުކުރަން ނިންމައިފި އެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން 2015 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ތަފާތު ސްޕޮންސަރުންތަކެއް މެދުވެރިކޮށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ބޭނުންވާ ވޯޓުތައް ގަންނަން ބޮޑު ހޭދައެއް ޖަރުމަނުގެ އޭރުގެ ވޯލްޑް ކަޕް ކޮމިޓީން ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި އޭރު ތަހުގީގުތައް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދިޔަ އެވެ. އެކަމަކު ފަހުން އެކަން އޮތީ މަޑުޖެހިފަ އެވެ. އެހެން ނަމަވެސް ފީފާގެ ކުރީގެ ރައީސް ބްލެޓާ ވިދާޅުވީ އެ މައްސަލައިގައި އޭނާއާ ސުވާލުކުރަން ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުން ތައްޔާރުވެފައިވާ ކަމަށެވެ.
"އަހަރެންގެ ވަކީލު މެދުވެރިކޮށް ފެބްރުއަރީ 8 ވަނަ ދުވަހު އަހަންނަށް އަންގާފައި އޮތީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ދިން ގޮތާ ބެހޭގޮތުން ޖަވާބުދާރީވާން. މިއީ މި މައްސަލައިގައި އަހަންނާ ސުވާލުކުރާ ފުރަތަމަ ފަހަރެއް ނޫން. މީގެ ކުރިން ވެސް އަހަރެން ޖަވާބުދާރީވިން،" ބްލެޓާ ވިދާޅުވި އެވެ.
ސްވިޒަލެންޑުގެ ޕްރޮސެކިއުޓަރުންނަށް ބްލެޓާ ޖަވާބުދާރީވާން ދީފައިވާ ތާރީހަކީ އަންނަ މަހުގެ 28 އެވެ. އޭރު ބްލެޓާ އަށް 83 އަހަރު ފުރޭނެ އެވެ.
މި މައްސަލައިގައި ތަހުގީގުކުރާ ކަންތައްތަކުގެ ތެރޭގައި އޭރު ޖަރުމަނުގެ ވޯލްޑް ކަޕް ކޮމިޓީގެ ޗެއާމަން އަދި އެ ގައުމުގެ ކުރީގެ ކެޕްޓަން ފްރަންޒް ބެކެންބާއު އުސޫލުން ބޭރުން އޭރު ފީފާގެ ރައީސް ބްލެޓާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް 7.5 މިލިއަން ޑޮލަރު ދިން ދިނުން ހިމެނެ އެވެ މިއީ ކޮން ބޭނުމަކު ދީފައިވާ ފައިސާއެއް ކަމެއް މިހާތަނަށް ތަހުގީގަށް އެނގިފައެއް ނުވެ އެވެ.
ޑިއާ ސްޕީގަލް އިން ރިޕޯޓްކުރާގޮތުގައި ޖަރުމަނުގެ ވޯލްޑް ކަޕް ކޮމިޓީން އެ ފަހަރު ވަނީ ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރަން ގައުމުތަކުން ވޯޓު ގަންނަން ބައެއް ސްޕޮންސަރުން މެދުވެރިކޮށް ހަތް މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ގައުމުތަކުގެ ވޯޓު ގަތުމަށް އެޑިޑާސްގެ އެހީތެރިކަން ވެސް ހޯދާފައިވާ ކަމަށް ތުހުމަތުކުރެ އެވެ. އަދި އެކި ގޮތްގޮތުން ގައުމުތަކުގެ ވޯޓު ގަތުމަށް ކުރި ހޭދަ 100 މިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ބްލެޓާގެ މައްޗަށް ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެ، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އަށް އަަހަރަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. އަދި ފަހުން އެ ސަސްޕެންޝަނަށް ވަނީ ލުޔެއްދީ ހަ އަހަރަށް ކުޑަކޮށްފަ އެވެ. ފީފާގެ ރައީސްގެ މަގާމަށް މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ ބްލެޓާ އިސްތިއުފާ ދެއްވުމުން 2016 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.