15 ފެބުރުއަރީ 2019 - 07:27

އޭނާ ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުން ބާކީކުރި ސަބަބެއް އޮޅުންފިލުވަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކިބައިން ކުޅަދާނަ ސެޓަރު އަލީ މައުރޫފު (މާއްޓޭ) އެދިއްޖެ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް އަށް އެޑްރެސްކޮށް މާއްޓޭ ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ. އޭނާ ވަނީ އެ ސިޓީގެ ކޮޕީއެއް ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ސްޕޯޓްސް ކައުންސިލާއި ސްޕޯޓްސް ކޮމިޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ޕޮލިސް ކްލަބަށް ވެސް ފޮނުވައިފަ އެވެ.
ޕޮލިސް ކްލަބަށް ކުޅެމުން އަންނަ ލ. ފޮނަދު އަށް އުފަން މާއްޓޭ އަކީ 2007 އިން 2018 އަށް ގައުމީ ސީނިއާ ޓީމަށް ގިނަ މުބާރާތްތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. މާއްޓޭ ފޮނުވި ސިޓީގައި ބުނެފައިވަނީ ކުއްލިއަކަށް މި އަހަރު އޭނާ ގައުމީ ޓީމުން ވަކިކުރި ސަބަބެއް އެސޯސިއޭޝަނުން ވެސް ނާންގާ ކަމަށާއި އެކަން އެނގިގެންދިޔައީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ކަމަށެވެ.
"ގައުމީ ވޮލީ ސްކޮޑުގައި ބައިވެރިވުމަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ނެގި ސްކޮޑުން 2018 ވަނަ އަހަރުގައި ބައިވެރިވި ހުރިހާ މުބާރާތެއްގައި ހިމެނިފައި، ވޮލީބޯލް އެސޯސިއޭޝަނުން 2019 ގައި އިއުލާނުކުރި އެލީޓް ލިސްޓުގައި ހިމެނިފައި އަދި ވޮލީބޯލް އެސޯސިއޭޝަނުން 2018 ވަނަ އަހަރުގެ ކޯޑް އޮފް ކޮންޑަކްޓްގައި ސޮއިކޮށްފައިވާ ކުޅުންތެރިއަކަށް ވީހިނދު އަޅުގަނޑު ސީނިއާ ގައުމީ ޓީމުން ވަކިކުރި ސަބަބެއް މިއަދާ ހަމައަށް ވެސް އަންގާފައިނުވެ އެވެ." މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ކުޅުނު ޓީމުގައި ހިމެނުނު މާއްޓޭ ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މާއްޓޭ ބުނެފައިވަނީ އޭނާ ޓީމުން ބާކީކުރި ސަބަބެއް އަންގާފައިނުވަނީ އޭގެ ފަހަތުގައި އެހެން މަގުސަދެއް އޮތުމުންނެވެ.
"އަޅުގަނޑާ ދޭތެރޭގައި ޒާތީވެފައިވާ ކަމަށް ބެލެވޭތީ އާއި ސީނިއާ ގައުމީ ޓީމުގެ ވޮލީ ސްކޮޑުން އަޅުގަނޑު ބާކީ ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރެވޭތީވެ، އެކަން ހިނގާދިޔަ ގޮތް ބަލައި އަޅުގަނޑު ސްކޮޑުން ބާކީކުރި ސަބަބު އަންގަވައިދެއްވުން އެދިދެންނެވީމެވެ،" މާއްޓޭގެ ސިޓީގައިވެ އެވެ.
މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ޕޮލިސް ޓީމުގައި ހިމެނުނު މާއްޓޭ "މިހާރަ"ށް ބުނީ އެސޯސިއޭޝަނަށް ސިޓީ ފޮނުވަން ނިންމީ މިހާރު ގައުމީ ޓީމުގެ ޕްރެކްޓިސްތައް ވެސް ފަށާފައި އޮތުމުން ކަންތައްތައް ދިޔަ ގޮތް އޮޅުން ފިލުވަން ބޭނުންވާތީ އެވެ.
"ހަގީގަތުގައި ސިޓީ ފޮނުވަން ޖެހުނީ މިހާރު ގައުމީ ޓީމުން ޕްރެކްޓިސް ވެސް ފަށާފައި ވާތީ އެކަމަކު ޓީމުން ބާކީވި ސަބަބެއް މިހާތަނަށް އެނގިފައި ނެތީމަ." މާއްޓޭ ބުންޏެވެ.
މިިދިޔަ އަހަރުން ފެށިގެން ގައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންނާ އެސޯސިއޭޝަނުގެ ލީޑަޝިޕާ ދެމެދު މައްސަލަތަކެއް މެދުވެރިވި އެވެ. އޭގެ ފަހުން ގައުމީ ޓީމުގެ ކަންތައްތައް ބަލަހައްޓަން ހާއްސަ ކޮމިޓީއެއް ވީއޭއެމުން އެކުލަވާލި ނަމަވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ނަތީޖާއެއް ނުފެނެ އެވެ.