ޝަރީއަތުގައި ފަނޑިޔާރުން ހެދުން އަޅަންޖެހޭ ގޮތުގެ ޑްރެސް ކޯޑެއް އެކުލަވާލައިފި
ޝަރީއަތުގައި ފަނޑިޔާރުން ހެދުން އަޅަންޖެހޭ ގޮތުގެ ޑްރެސް ކޯޑެއް އެކުލަވާލައިފި

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އަޅަންޖެހޭ ގޮތުގެ އުސޫލެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ.

އެ ކޯޓުން އާންމުކުރި އެ އުސޫލުގައިވާ ގޮތުން އެކަން ކަނޑައެޅީ މާލޭގެ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ހެދުން އަޅަންޖެހޭ ގޮތުގެ އުސޫލެއް ކުރިން ހަމަޖައްސާފައި އޮތަސް، ފަނޑިޔާރުންގެ ގާނޫނާއި ކޯޓުތަކުގެ ގާނޫނުގައި ވެސް އެކަމާ ބެހޭ އެއްވެސް އުސޫލެއް ނެތުމުން އެކި ކޯޓުތަކުގައި އެކި ހެނދުން ބޭނުން ކުރަމުންދާތީ އެވެ. އެހެންވެ ރާއްޖޭގެ ހުރިހާ ދަށު ކޯޓެއްގައި ވެސް ފަނޑިޔާރުން އެއް ގޮތަކަށް ޑްރެސް ކޯޑު ކަނޑައެޅުމަށް އުސޫލެއް އެކުލަވައިލީ ކަމަށް އޭގައި ވެ އެވެ.

އެ އުސޫލުގައިވާ ގޮތުން، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ޝަރީއަތުގެ މަޖިލީހުގައި ތިބެންޖެހޭ ޑްރެސް ކޯޑަކީ މިހާރު ވެސް އޮންނަ ގޮތަށް، ފިރިހެން ފަނޑިޔާރުން ކަޅު ކުލައިގެ ކޯޓް ފަޓޫލޫނުގަ އެވެ. އަދި އަންހެން ފަނޑިޔާރުންނަށް ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގެ ނުވަތަ ކަޅު ކުލައިގެ ކޯޓާއި ފައިގެ ކުޑަ ހުޅާ ހިސާބަށް ހުންނަ ސްކާޓް ބޭނުން ކުރެވިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން ފަނޑިޔާރުންނަށް ކޯޓް ފަޓުލޫނު ހޯދައި ދޭނީ އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކުންނެވެ. އަދި ފަނޑިޔާރުން ކޯޓު ފަޓުލޫނު ގަތުމަށް ފަހު، އެކަމުގެ ރަސީދު އެ ކޯޓަކަށް ހުށަހެޅުމުން ކޮންމެ ދެ އަހަރުން އެއް އަހަރު، ގިނަވެގެން 6،000ރ. ގެ ރޭޓުން އެ ފަނޑިޔާރަކަށް ފައިސާ ދޭެނ ކަމަށް އުސޫލުގައިވެ އެވެ.

އެކަމަކު، މިހާރު ދަށު ކޯޓުތަކުގައި ތިބި ފަނޑިޔާރުން ކޯޓު ފަޓުލޫނު ގަތުމަށް ފަހު ރަސީދު ހުށަހެޅުމުން ކުރިއަށް އޮތް ދެ އަހަރު ވަންދެން، ކޮންމެ އަހަރަކު 6،000ރ. ގެ ރޭޓުން ފައިސާ ދޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ. އަދި އަލަށް އައްޔަން ކުރެވޭ ފަނޑިޔާރުންގެ އަހަރު ގުނަން ފަށާނީ އެ ފަނޑިޔާރަކު އައްޔަން ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައިވާ ގޮތުން މިއަދުން ފެށިގެން ގިނަވެގެން ތިން މަސް ތެރޭގައި ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ތިއްބަވަން ޖެހޭނީ އަލަށް ކަނޑައެޅި ބުނާ ޑްރެސް ކޯޑުގަ އެވެ. އެ އުސޫލުގެ ދަށުން ދޫކުރާ ކޯޓް ފަޓުލޫނު ޑްރައި ކްލީންކޮށް ބެލެހެއްޓުމަކީ އެ ފަނޑިޔާރެއްގެ ޒިންމާއެއް ކަމަށާއި އަދި އެ އަށް ލިބޭ ގެއްލުމުގެ ބަދަލު ނުދެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

މާލޭގައި ފަނޑިޔާރުންނާއި ވަކީލުން ޝަރީއަތުގައި ކޯޓް ފަޓުލޫނު ލާންޖެހޭ ގޮތަށް ފުރަތަމަ ހަމަޖެއްސީ 2006 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓްރީންނެވެ. މާލޭގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގައި ތިއްބަވަނީ ކޯޓް ފަޓުލޫނުގައި ކަމަށް ވިޔަސް، ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބަވަނީ ކަޅު ކުލައިގެ ޚާއްސަ ގައުނެއް ތުރުކުރައްވައިގެންނެވެ.