14 ފެބުރުއަރީ 2019 - 17:20

އަންނަ ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކުރަން މި ހަފުތާގެ ބަންދު ދުވަސްތަކުގައި ވެސް ހުށަހެޅޭނެ އިންތިޒާމް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހަމަޖައްސައިފި އެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުން ދަށު ކޯޓުތަކުން ސާފުކުރަންޖެހޭ ކުށުގެ ރެކޯޑް ފޯމް މާދަމާ އާއި ހޮނިހިރު ދުވަހު ވެސް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން، މާދަމާ މެންދުރު 2:30 އިން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް ފޯމްތައް ބަލައިގަންނައިރު، ހޮނިހިރު ދުވަހުގެ ހެނދުނު 11 އިން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް ކެންޑިޑޭޓުންގެ ފޯމްތައް ބަލައިގަންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައިވާ ގޮތުން މާދަމާ އާއި ހޮނިހިރު ދުވަހު ހުށަހަޅާ ފޯމްތައް އަންނަ އާދިއްތަ ދުވަހު ދޫކުރަން ފަށާނެ އެވެ.
މާދަމާ އާއި ހޮނިހިރު ދުވަހު ކުށުގެ ކެންޑިޑޭޓުންގެ ރެކޯޑް ފޯމް ބަލައިގަތުމުގެ އިންތިޒާމް ޑީޖޭއޭ އިން ހަމަޖެއްސިއިރު، ހައި ކޯޓުން ވެސް ކުރިން ވަނީ ބަންދު ދުވަސްތަކުގައި ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފަ އެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ މީހުންނާއި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް މަޖިލިސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރުވެފައިނުވާ މީހުންނަށް ވެސް މަޖިލިސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.