14 ފެބުރުއަރީ 2019 - 19:02

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ލިޔުންތައް އާދިއްތަ ދުވަހު އެމަނިކުފާނާ ހަވާލުކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު އެ މައްސަލާގެ ލިޔުންތައް އެމަނިކުފާނާ ހަވާލު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން މައްސަލަ ކޯޓަށް ހުށަހެޅޭތާ ފަސް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ދައުވާލިބޭ ފަރާތާ ކޯޓުން ހަވާލު ކުރަން ޖެހޭނެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޔާމީން ކުރިން ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓް ވެސް މިހާރު ވަނީ ފްރީޒްކޮށްފަ އެވެ.
ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.