މަހްލޫފް އެލާޖިކްވެގެން މާލެ ގެނެސް ފަރުވާދީފި
މަހްލޫފް އެލާޖިކްވެގެން މާލެ ގެނެސް ފަރުވާދީފި

ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އެލާޖިކްވެގެން، މާލެ ގެނެސް މިއަދު ފަރުވާ ދީފި އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް ވިދާޅުވީ މަހްލޫފްގެ ގައިގައި ފިއްތަކެއް ނަގައި ހާލު ސީރިއަސްވީ، މާފުށީ ޖަލުގައި އޭނާ އަށް ކާންދޭ އެއްޗެހީގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެހެން ގައިދީންނާ އެކަހެރިކޮށް ބަހައްޓާފައި ހުންނަ މަހްލޫފަށް ކާންދެނީ ސާފުތާހިރުކަމެއް ނެތް ކާއެއްޗެހި ކަމަށް ނަޒްރާ މިއަދު ވެސް ތުހުމަތުކުރެއްވި އެވެ.

"މަހްލޫފަށް ކާން ވައްދަނީ ވަރަށް ސާފުތާހިރުކަން ދަށް ކާނާ. ހިނި އަރާފައި ބައެއް ފަހަރަށް އިސްތަށި ވެސް ފެނޭ. އެހެންވެ މަހްލޫފް އެލާޖިކް ވަނީ،" ނަޒްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަހްލޫފް ޑޮކްޓަރަށް ދައްކައި ފަރުވާދެނީ ވެސް ވަރަށް ބޮޑުވަރުވުމުންނެވެ. މަހްލޫފަށް ސިއްހީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހްލޫފާ މެދު ކަރެކްޝަނަލް ސާވިސް އިން އަމަލުކުރާ ގޮތް ބަލައި ފިޔަވަޅު އަޅައިދޭން އާއިލާ އިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.

ސާފުތާހިރުކަން ދަށް ކާއެއްޗެހި މަހްލޫފަށް ދޭ މައްސަލަ ކަރެކްޝަނަލް ސާވިސް އިން ވަނީ ދޮގުކޮށްފަ އެވެ.

ޖަލުން މަހްލޫފަށް ކާބޯތަކެތި ފޯރުކޮށްދޭ ގޮތާ އާއިލާއިން ކުރާ ޝަކުވާތަކާ ގުޅިގެން އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ ގައިދީން ބަލަހައްޓަމުން ދަނީ އިންސާނީ ކަރާމަތާއި އިހްތިރާމާ އެކު ކަމަށެވެ. އަދި ސިއްހީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ހުންނަ ކާބޯތަކެތި މަހްލޫފަށް ފޯރުނުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ ޔޫއެން ވޯކިން ގްރޫޕަށް އާއިލާ އިން ހުށަހެޅިއިރު މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ. އެކަމަކު އަޑުއެހުންތައް އަދި ނުފަށަ އެވެ.