14 ފެބުރުއަރީ 2019 - 15:19

ކުރިއަށް މި އޮތް 30 ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް ޓޫރިސްޓުން ގެނެސްގެން ހިންގާ ތަންތަން އިސްލާހު ކުރުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.
ޓޫރިޒަމް މިނިސްޓަރު އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖެނުއަރީ މަހު ހިނގާދިޔަ ހިތާމަވެރި ހާދިސާތަކާއި ޓޫރިޒަމްގެ ހިދުމަތް ދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނޭޝަން ވައިޑް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާ އިރު އެކަންކަމުގައި ފާހަގަކުރެވޭ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ވެސް ދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ފަހު ދެ ތަނެއް ގާނޫނާ ގަވައިދުގެ ތެރެއަށް ވެއްދުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެދިފަ އެވެ.
"ދިވެހިރާއްޖޭގައި ޓޫރިސްޓުން ބަހައްޓާ ތަންތަން އެއީ ޓޫރިޒަމް މިނިސްޓްރީން ރެގިއުލޭޓް ކުރެވޭ ތަންތަނަށް ވާންޖެހޭ. ހުއްދަ ނެތް ތަނެއްގައި ފަތުރުވެރިން ބައިތިއްބާ ނަމަ އެކުރެވެނީ ގާނޫނާ ހިލާފު ކަންކަން. އޭގެ ކޮންސިކުއެންސްތަކާ އެފަދަ ފަރާތްތަކުން ކުރިމަތިލާންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގާނޫނާ ގަވައިދުތަކާ ހިލާފަށް ހިންގުމުން މުޅި ޓޫރިޒަމް ދާއިރާގެ އަގު ވެއްޓިގެންދާނެ ކަމަށެވެ. ރަށު ކައުންސިލްތަކަށާއި ލޯކަލް ގަވާންމެންޓް އޮތޯރިޓީ އަށް ވެސް ގަވައިދާ ހިލާފަށް ޓޫރިސްޓުން ގެނެސްގެން ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަންކަމުގެ ތަފްސީލު އެންގުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެސްޓްހައުސްތަކުގެ އިތުރުން ރިސޯޓުތަކުގެ ވެސް އޮޕަރޭޓިން ލައިސެންސް ހަމަވެފައިވާ ނަމަ އާ ކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
"ކުރީގެ ސަގާފަތަކަށް އޮތީ މިފަދަ ކަންކަން އަޅާނުލާ ބޭއްވުން. އެކަމަކު މި ސަރުކާރުން ބޭނުންވަނީ އެކަންކަން ފުރިހަމައަށް ބަލަހައްޓަން،" އޭނާ ވިދާޅުވި އެވެ.
ކަންކަން އިސްލާހު ކުރުމަށްޓަކައި ބޭނުންވާ ފަރާތްތަކުން އެކަންކަމަށް ވެސް އެދެންވީ ކަމަށާއި އެއް މަސް ދުވަހަށް ވުރެ އިތުރު މުއްދަތެއް ބޭނުންވާ ކަމުގައިވާ ނަމަ ވަގުތީ ހުއްދައަކާ އެކު މުއްދަތު އިތުރުކޮށް ދިނުމުގެ ވިސްނުން ޓޫރިޒަމް މިނިސްޓްރީން ގެންގުޅެ އެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ވެސް އަވަހަށް ދައްކަންޖެހޭ ކަމަށާއި ޓޫރިޒަމްގެ މިންގަނޑުތަކާ އެއްގޮތަކަށް އަމަލު ކުރަން ފަށަންޖެހޭ ކަމަށެވެ.
ޓޫރިޒަމާ ގުޅޭ ގާނޫނާއި ގަވައިދުތައް ރިވިއު ކުރުމަށް ހިޔާލު ދޭން ބޭނުންވާ ފަރާތްތަކަށް ފެބްރުއަރީ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެއަށް ފަހު ގާނޫނާ ގަވައިދުތަކަށް ވެސް އިސްލާހު ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.