14 ފެބުރުއަރީ 2019 - 13:43

ޕެރިސް (ފެބްރުއަރީ 14) - ދުނިޔޭގެ އެންމެ ބޮޑު ޕަސިންޖާ މަތިންދާ ބޯޓު ކަމަށްވާ އޭ380 "ސުޕަޖަމްބޯ" އުފެއްދުން ހުއްޓާލަން ނިންމާފައިވާ ކަމަށް އެއާބަސް އިން ބުނެފި އެވެ.
ޔޫރަޕުގެ މަތިންދާ ބޯޓު އުފައްދާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 2021 ވަނަ އަހަރުގެ ފަހުން އެއާބަސް އޭ380 މަރުކާގެ ބޯޓު މާކެޓަށް ނުނެރޭނެ ކަމަށެވެ. އެއާބަސް އިން މި ގޮތަށް ނިންމާފައި ވަނީ އެމިރޭޓްސް އެއާލައިނުން އެއާބަސް އަށް ދިން އޭ380 މަރުކާގެ ބޯޓުގެ އޯޑަރު ކުޑަކޮށްފައި ވަނިކޮށެވެ. އެމިރޭޓްސްގެ 162 ބޯޓުގެ އޯޑަރު ވަނީ 123 އަށް މަދުކޮށްފަ އެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ އޭ380 ގެ 14 ބޯޓު އެއާބަސް އިން އެމިރޭޓްސްއާ ހަވާލު ކުރާނެ އެވެ.
އެއާބަސް އިން އޭ380 އުފެއްދުން ހުއްޓާލުމުން މުވައްޒަފުންގެ ކުރިމަގާ މެދު މަޝްވަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއާބަސްގެ އެކި ބައިތައް އުފައްދަނީ އެކި ގައުމުތަކުގަ އެވެ.