25 އޯގަސްޓް 2016 - 18:24

މަސައްކަތް ނުކޮށްގެން އުވާލަން ނިންމާ ޖަމިއްޔާތައް ހިންގަން އިތުރަށް ފުރުސަތު ދެވޭ ގޮތަށް ޖަމިއްޔާތަކުގެ ގަވާއިދުގައި އޮންނަ މާއްދާ އުވާލައިފި އެވެ.
ގަވާއިދުގެ 47 ވަނަ މާއްދާގައި ކުރިން އޮންނަ ގޮތުން، ޖަމިއްޔާތަކުގެ ގާނޫނުގައި ބުނާ ގޮތުގެ މަތިން ޖަމިއްޔާގެ އާންމު އިންތިޚާބު ބާއްވައިގެން ހިންގާ ކޮމެޓީ އިންތިޚާބު ނުކުރާ ނަމަ ނުވަތަ އެ ޖަމިއްޔާގެ އަހަރީ ރިޕޯޓު ނުވަތަ ހިސާބު ރިޕޯޓު ޖަމިއްޔާތަކުގެ ރެޖިސްޓްރާއަށް ހުށަނާޅައިގެން އެ ޖަމިއްޔާ އުވާލަން ނިންމާފައި ވަނިކޮށް، އިތުރު ފުރުސަތަކަށް އެދިއްޖެ ނަމަ އެ ފުރުސަތު ދެވިދާނެ އެވެ.
އެކަމަކު ގަވާއިދަށް އިއްޔެ ގެނެސްފައިވާ އިސްލާހުގައި، އިތުރު ފުރުސަތު ދެވޭ ގޮތަށް އޮތް މާއްދާ ވަނީ އުވާލައިފަ އެވެ. އޭގެ ބަދަލުގައި، މަސައްކަތް ނުކުރާ ޖަމިއްޔާތައް ހިންގަން ވަގުތީ ކޮމެޓީއެއް އެކުލަވައިލުމުގެ ބާރު ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބޭ ގޮތަށް ގަވާއިދުގައި މިހާރު ވަނީ ހިމަނައިފަ އެވެ.
އާންމު އިންތިޚާބު ނުބާއްވައިފި ނަމަ ނުވަތަ ގަވާއިދާއި ޚިލާފަށް އިންތިޚާބު ކުރިއަށް ގެންގޮސްފި ނަމަ ނުވަތަ ޖަމިއްޔާގެ ހިންގާ މެމްބަރުންގެ މެދުގައި މަސްލަހަތުގެ ގެއްލި، އެ ޖަމިއްޔާގެ ވާޖިބު އަދާކުރަން ހުރަސް އެޅޭ ނަމަ ހިންގަން ވަގުތީ ކޮމެެޓީއެއް އެކުލަވައިލުމުގެ ބާރު ރަޖިސްޓްރާއަށް ލިބޭނެ ކަމަށް ގަވައިދަށް ގެނައި އެ އިސްލާހުގައިވެ އެވެ.