14 ފެބުރުއަރީ 2019 - 11:54

ޖިއްދާ (ފެބްރުއަރީ 14) - ސައުދީ އަރަބިގައި މީގެ ކުރިން ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާކޮށްފައި އޮތް ނަމަވެސް މި އަހަރު އެ ގައުމުގައި ލޯބިވެރިންގެ ދުވަސް ފާހަގަކޮށްފި އެވެ.

ރަތް ފިނިފެންމަލާއި ހިތުގެ ބައްޓަމަށް ހުންނަ ޗޮކްލެޓަކީ މީގެ ކުރިން ވެލަންޓައިންސް ޑޭއާ ދިމާކޮށް ސައުދީގެ ފިހާރަތަކުން ފެންނަ ތަކެއްޗެއް ނޫނެވެ. އެއީ ސައުދީ ދީނީ ފުލުހުން 2016 ވަނަ އަހަރު އެކަން މަނާކޮށްފައި އޮތުމުންނެވެ. ނަމަވެސް ސައުދީ ދީނީ ފުލުހުންގެ އިސްވެރިއަކު މިދިޔަ އަހަރު ވަނީ ވެލަންޓައިންސް ދޭ ފާހަގަ ކުރުން މަނާ ނޫން ކަމަށް ވިދާޅުވެފަ އެވެ. އަލް އަރަބިއްޔާގެ ޓީވީ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވެފައި ވަނީ ހިތުގައި އޮންނަ ލޯބި ފާޅުކުރުމަކީ ހަމައެކަނި މުސްލިމް ނޫން މީހުންނަށް އެކަނި އޮތް ކަމެއް ނޫން ކަމަށެވެ.

"ވެލަންޓައިންސް ޑޭ ވެސް ފާހަގަ ކުރަނީ މަދާސް ޑޭ ވެސް ހަމަ ފާހަގަކުރާ ގޮތަށް. ރަނގަޅު ނިޔަތެއްގައި ކުރާ ނަމަ އެއީ ރަނގަޅު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވެފައިވާތީ މި އަހަރުގެ ވެލަންޓައިންސް ޑޭއާ ދިމާކޮށް ސައުދީގެ މާ ވިއްކާ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކޮސްމެޓިކް ކްލިނިކްތަކާ އަދި ބިއުޓީ ސެލޫންތަކުން ދިޔައީ ތައްޔާރުވަމުންނެވެ. އެ ތަންތަނުގައި ފެބްރުއަރީ 14އާ ހަމައަށް އޮތީ ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފަ އެވެ. ވެލައިންޓައިންސް ޑޭ އާ ދިމާކޮށް ޚާއްސަ ޕްރޮޑަކްތައް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
ޕާކިސްތާން، ކުވޭތު އަދި އިންޑޮނީޝިއާ ފަދަ ގައުމުތަކުގައި ވެލަންޓައިންސް ޑޭ ފާހަގަ ކުރުން ހުއްދަކޮށްފައެއް ނުވެ އެވެ.
ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ފަށާފައިވާ ވިޝަން 2030 ޕްރޮގްރާމްގެ ދަށުން ސައުދީގައި ވަރަށް ގިނަ ދޫތައް ވަނީ ދީފަ އެވެ. ސިނަމާތަކަށް ގޮސް ފިލްމް ބެލުމާއި ކޮންސެޓްތަކަށް ދިއުމުގެ ފުރުސަތު ސައުދީގައި ކުރިން ނެތް ނަމަވެސް މިހާރު ވަނީ ސިނަމާތައް ހުޅުވައިފަ އެވެ. މުހައްމަދު ބިން ސަލްމާން ވަލީ އަހުދުގެ މަގާމަށް ވަޑައިގަތުމަށް ފަހު ވަރަށް ގިނަ ކަންކަން ވަނީ ހުޅުވާލައްވައިފަ އެވެ. އޭގެ ތެރޭގައި އަންހެނުން ސްޓޭޑިއަމްތަކަށް ގޮސް ކުޅިބެލުމާއި އަންހެނުން ކާރު ދުއްވުން ހިމެނެ އެވެ.
ތިރީސް ފަސް އަހަރަށް ފަހު ވެރިރަށް ރިޔާޒުގައި ފުރަތަމަ ސިނަމާ ހުޅުވީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.