އިކާޑީ އަތުން ކެޕްޓަންކަން ނަގައިފި، މެޗު ކުޅެން އޭނާ ދެކޮޅު!
އިކާޑީ އަތުން ކެޕްޓަންކަން ނަގައިފި، މެޗު ކުޅެން އޭނާ ދެކޮޅު!

މިލާން (ފެބްރުއަރީ 14) – މައުރޯ އިކާޑީ އަތުން އިންޓަ މިލާނުގެ ކެޕްޓަންކަން ނެގުމުން، ޔުރޮޕާ ލީގުގައި މިރޭ ރެޕިޑް ވިއެނާއާ ދެކޮޅަށް ކުޅެން އޭނާ ދެކޮޅު ހަދައިފި އެވެ.

އިކާޑީ އަތުން ކެޕްޓަންކަން ނެގުމަށް ފަހު ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗާ އެ ޒިންމާ ހަވާލުކުރީ އިންޓަގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ބުނި ގޮތުގައި އިކާޑީ ވަށައިގެން ހިނގަމުން އަންނަ ކަންތައްތަކުގެ ސަބަބުން އޭނާ އާއި ޓީމަށް ވެސް އުނދަގޫވަމުން އަންނާތީ އެވެ. އެ އިޝާރާތްކުރީ އާ ކޮންޓްރެކްޓަކާ މެދު ދެ ފަރާތުން އެއްގަލަކަށް ނޭރި އުފެދިފައިވާ މައްސަލަތަކަށެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ހުއްޓިފައިވާއިރު އެކަމުގެ އިނގިލި ދިއްކުރެވުނީ އޭނާގެ އަންހެނުން އަދި އޭޖެންޓް ވަންޑާ ނާރާ އަށެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު ބުނީ އިކާޑީގެ ކޮންޓްރެކްޓް އާކުރުން އޮތީ ވަރަށް ދުރުގައި ކަމަށާއި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އޭނާ އަށް ޝައުގުވެރިވާ ކަމަށެވެ.

އިންޓަގެ ކޯޗު ސްޕެލެއްޓީ ބުނީ އިކާޑީ އަތުން ބޭންޑް ނަގަން ނިންމުމަކީ އުނދަގޫ، ހިތްދަތި ނިންމުމެއް ކަމަށާއި އެކަން ކުރީ އެންމެން އެއްބަސްވެގެން އިންޓަ އަށް ރަނގަޅަކަށް ކަމަށެވެ.

"ވިއެނާ މެޗަށް އޭނާ ސްކޮޑަށް ނަގާގައިވަނީ. އެކަމަކު އޭނާ ބޭނުންނުވީ ދާން،" ސްޕެލެއްޓީ ބުންޏެވެ. "އޭނާ ވަށައިގެން ހިނގަމުން އަންނަ ކަންތައްތަކުގެ އުދަނގޫ އޭނާ އަށް ވެސް އަދި އޭނާ ކެޕްޓަންކަންކުރާ ޓީމަށް ވެސް ފޯރާ."

ތަޖުރިބާކާރުން، 113 މިލިއަން ޑޮލަރުން އަގުކޮށްފައިވާ އިކާޑީ އިންޓައާ އެކު ހަދާފައިވާ ކޮންޓްރެކެޓް ހަމަވާނީ 2021 ވަނަ އަހަރެވެ. އެކަމަކު އޭނާގެ އަގުމަތިކުރުމަށާއި އަދި ކްލަބުގައި މަޑުކުރުވުމަށްޓަކައި އިންޓަ އިން އައީ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ދައްކަމުންނެވެ. ބެލެވޭ ގޮތުގައި އެކަން ހުއްޓުނީ އޭނާގެ ފަރާތުން އެދޭ ވަރުގެ މުސާރައަކަށް އިންޓަ އެއްބަސްނުވުމުންނެވެ. އިކާޑީ އަށް އެހެން ކްލަބްތަކުގެ އޮފާތައް އޮތުމުން އޭނާ ވެސް ދޫދޭން ބޭނުންނުވަނީ އެވެ.

ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީންވި އިކާޑީ އިންޓައާ 2013 ވަނަ އަހަރު ގުޅުނީ ސަމްޕްޑޯރިއާ އަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ އެ ޓީމަށް 208 މެޗުން 122 ގޯލް ޖަހައިފަ އެވެ. އެކަމަކު މިދިޔަ ސީޒަނުގައި 29 ގޯލް ޖެހި ފޯވާޑަށް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ލަނޑެއް ނުޖެހެ އެވެ.

އިކާޑީގެ ދައްތަ ވަނީ މައްސަލަ އުފައްދަނީ ވަންޑާ ކަމަށް ދޭހަވާ ޓްވީޓެއްކޮށްފަ އެވެ. އެގޮތުން އޭނާގެ ފަހަތުގައި، އޭނާއާ މެދު ވިސްނާ، ސީރިއަސް މީހަކު ހުރި ނަމަ މިހެން ކަންތައްތައްނުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.