ތާރީހާއި މީހުންގެ ވާހަކަ ވެސް ކިޔައިދޭންވެއްޖެ
ތާރީހާއި މީހުންގެ ވާހަކަ ވެސް ކިޔައިދޭންވެއްޖެ

ދިވެހި ސިނަމާ އިން ވެސް މިހާރު ތަފާތު ޖޯންރާތަކުގެ ފިލްމުތައް އަންނަނީ ފެންނަމުންނެވެ. މި ބަދަލަށް ބެލުންތެރިން ވެސް އެބަ ހޭނެ އެވެ. ހިތާމަވެރި ލޯބީގެ ހާދިސާތަކަށް ހަދާ މެލޮޑްރާމާތަކަށް ކުރިން ބެލުންތެރިން ހޭނިފައި ތިއްބަސް، އެކި ރަހަތަކުގެ ޖޯންރާތަކަށް ދިވެހި އޯޑިންއަސް ވެސް ފަރިތަވަމުން އަންނާތީ ފިލްމު ހަދާ މީހުންގެ މިސްރާބު ވެސް ބަދަލުވާން އެބަ ޖެހެ އެވެ.

ދިވެހި ސިނަމާއިން އާންމުކޮށް ފެންނަ ޖޯންރާތަކަށް ބަލާ އިރު، މިހާތަނަށް ގިނަ ފިލްމުތައް ހަދާފައި ހުރީ ލޯބީގެ ހިތާމަވެރި، ބިރުވެރި ލޯބީގެ ފިލްމު ނުވަތަ އާއިލީ ލޯބީގެ ޖޯންރާތަކަށެވެ. އެކަމަކު މި ފަހުން ކްރައިމް ޖޯންރާ އާއި އެކްޝަނާއި ކޮމެޑީ އާއި ރޮމޭންޓިކް ކޮމެޑީ އާއި ސަސްޕެންސް ތުރިލާ އާއި ހޮރޯ ކޮމެޑީ އާއި ބްލެކް ކޮމެޑީ ފަދަ ޖޯންރާތަކަށް ފިލްމު ހެދުން އިތުރުވެ، އެ ފަދަ ފިލްމުތައް ކާމިޔާބު ވެސް ހޯދަ އެވެ.

އެކަމަކު އަދިވެސް ދިވެހި ސިނަމާއާ ވަރަށް ބީރައްޓެހި ޖޯންރާތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ތާރީހީ ހާދިސާތަކަށް ހަދާ ފިލްމުތަކާއި އެކިއެކި ޝަހުސިއްޔަތުންގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ ވަކިން ފާހަގަކޮށްލަން ޖެހެ އެވެ. މި ދެ ޖޯންރާއާ ދިވެހި ސިނަމާ ވަރަށް ބީރައްޓެހި ނަމަވެސް މިއީ ހޮލީވުޑާއި ބޮލީވުޑްގައި މިހާރު އެންމެ އެންމެ ހިނގާ ދެ ޖޯންރާ އެވެ.

ދިވެހި ފިލްމުތަކަށް ލޯބި ކުރާ މީހުންނަށް ތަފާތު އެކި ކަހަލަ ފިލްމުތައް ގެނެސް ދޭން ޑައިރެކްޓަރުން ބޭނުންވާ ނަމަ ތާރީހީ ފިލްމުތަކާއި ބައޮޕިކްތައް ވެސް ތަޖުރިބާކޮށްލަން ކޮންމެހެން ވެސް ޖެހެ އެވެ. ތާރީހީ ގޮތުން ބަލައިފި ނަމަ ރާއްޖޭގައި ފިލްމެއްގެ ގޮތުގައި ގެނެސްދެވިދާނެ ކިތަންމެ ޝައުގުވެރިި ހާދިސާތަކަށް އެބަ ހުއްޓެވެ. ބައޯޕިކަށްދާ ނަމަ، ކިޔައި ދެވިދާނެ ކިތަންމެ ޝަހުސިއްޔަތުންތެއް އެކި ދާއިރާތަކުން ފެނިފައި އެބަ ހުއްޓެވެ. ހަމަ މިއާ އެކު ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކިޔަމުން އަންނަ ވަރަށް ޝައުގުވެރި ފްލޯކް ވާހަކަތަކަށް ވެސް ފިލްމު ހެދި ދާނެ އެވެ.

އެހެންވެ، ފިލްމީ ދާއިރާ އަށް އަންނަ ކުރިއެރުމާ އެކު، ދިވެހި ސިނަމާ އަށް ވެސް ކުރިއެރުންތަކެއް އަންނަން ޖެހެ އެވެ. އަބަދު އެއްވައްތަރެއްގެ ފިލްމު ހަދާލަ ހަދާލަ ތިބުމަށް ވުރެ ރިސްކް ނަގައިގެން ވިޔަސް، އާ ޖޯންރާތަކަށް ދާން އެބަ ޖެހެ އެވެ. މިހާރު ވެސް ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ބުނާ ގޮތުގައި ތަފާތު ފިލްމުތައް ހަދަނީ ރިސްކާ އެކީގަ އެވެ.

އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ދިވެހިންނަށް "ބޮޑުތަކުރުފާނު" ވާހަކަ ފިލްމެއްގެ ގޮތުގައި ގެނެސް ދެވިފައި އޮތުމުގެ މާނައަކީ އެކަން މިހާރު މާ ފަސޭހައިން ވެސް ކޮށްލެވިދާނެ ކަމެވެ. މިކަމަށް ބޭނުން ވަނީ ފިލްމު ހަދާ މީހުން އަތްމަތީ ބަހެއްގެ ގޮތުގައި ބޭނުން ކުރާ "ރިސްކް" އާ އެކު ވެސް، ޝައުގުވެރިކަމެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދިވެހި ސިނަމާ އިން ތާރީހީ ދެ ފިލްމެއް ފެނިދާނެ ކަމުގެ ސިގްނަލްތަކެއް ވެސް ލިބުނެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ގދ. ތިނަދޫން މީހުން ބޭލި ހާދިސާ އަށް ބިނާކޮށް ހަދަން އިއުލާން ކުރި "1962 ތެނަދު" އާއި ރާއްޖޭގެ ރަނިކަން ކުރި ރެހެންދި ހަދީޖާގެ ބައޮގްރަފިކަލް ޑްރާމާ އެވެ. އެކަމަކު މި ދެ ފިލްމު ވެސް ހަދަން އުޅުނު ޑައިރެކްޓަރު ފިލްމީ ދާއިރާ އަށް ދޫކޮށްލުމުން އެ އުންމީދު އޮތީ ގެއްލިފަ އެވެ.

ދިވެހި ސިނަމާ އިން މިހާރު ވަރަށް ހުނަރުވެރި ޑައިރެކްޓަރުން ވެސް އެބަ ފެނެ އެވެ. އެހެންވެ މިއީ އެ މީހުން އިސް ނަގައިގެން ކަމަށް ވިޔަސް، ދިވެހި ސިނަމާއާ ބީރައްޓެހި ޖޯންރާތަކުގެ ފިލްމުތައް ގެނެސް ދޭން މަސައްކަތް ކުރަން ޖެހޭ ވަގުތެކެވެ. އެކްސްޕެރިމަންޓެއް ކޮށްލަން ނަމަވެސް ތާރީހީ ފިލްމެއް ނުވަތަ ބައޮޕިކެއް ހަދާލުމަކީ ގޯހަކަށް ނުވާނެ އެވެ.