25 އޯގަސްޓް 2016 - 11:19

އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާތީ އެކަން ކުށްވެރިކޮށް އެކަން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި އެވެ.

އައްޑޫގައި ތަރައްގީ ކުރާ 100 އެނދުގެ ހޮސްޕިޓަލް އީސީސީގައި ހަދަން ނިންމައި، އެ މަޝްރޫއަށް ކޮންޓްރެކްޓަރަކު ހޯދަން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ބައިނަލްއަގްވާމީ ބިޑަށް ވެސް ހުޅުވާލައިފަ އެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލާއި ރައްޔިތުންނާ މަޝްވަރާ ކުރުމެއް އަދި ރުހުމެއް ހޯދުމެއް ނެތި، އައްޑޫގެ ރައްޔިތުންނަށްޓަކައި އެމްޑީޕީގެ ސަރުކާރުން އިމާރާތްކުރި އީސީސީ އަށް ހަދަމުންދާ ގޮތްތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ކަމަށް ބުނެ މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓްގައި އެތައް މިލިޔަން ރުފިޔާއެއް ހިމަނަމުން ގެންގޮސްފައިވީ ނަމަވެސް، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ނިމި ގޮސް އަދި މިހާރު 2016 ވަނަ އަހަރު ނިމުމަކާ ހަމައަށްދާ އިރު ބަޖެޓްގައި ހިމަނަމުން ދިޔަ އެއްވެސް ފައިސާއެއް އެ ހޮސްޕިޓަލު އެޅުމަށް ހަރަދުކޮށްފައި ނުވާކަން ކަންބޮޑުވުމާ އެކު ފާހަގަ ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ. "އަދި އެ ހޮސްޕިޓަލު އިމާރާތް ކުރުމާ މެދު ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ހަބަރު ފަތުރަމުން ގެންގޮސްފައިވުމާއި އަދި އެއިން އެއްވެސް ފަހަރަކު ސަރުކާރުން ހާމަކުރި ގޮތާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ."
އެމްޑީޕީން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރުމާ އެކު އީސީސީ އަށް މިހާރު ހަދަން އުޅޭ ގޮތްތައް ވަގުތުން ހުއްޓުވައި އައްޑޫގެ ރައްޔިތުންނަށް އެ އިމާރާތް ރައްކާތެރިކޮށްދޭނެ ކަމަށެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ސަރުކާރުން ނިންމީ ހޮސްޕިޓަލް އަޅަން ބިމެއް ވެސް ކަނޑައަޅައި، ހޮސްޕިޓަލްގެ ޑިޒައިން ވެސް ނިންމާފައި ވަނިކޮށެވެ.
މި މަޝްރޫއަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި 2018 ގެ ތެރޭގައި އީސީސީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުން ކުރަން ފަށާނެ އެވެ.