15 ފެބުރުއަރީ 2019 - 08:04

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރޭ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަންނަ ޖުލައި މަހުގެ 19 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
މި އަހަރު ބޮލީވުޑަށް ތައާރަފުވާ ތަރިންގެ ދަރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަންގެ އަލަތު ފިލްމަކީ ބައްޕަ ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މި ފިލްމުގައި ކަރަންއާ އެކު ބަތަލާގެ ރޯލުން ވެސް ފެނިގެން ދާނީ އައު ތަރިއެކެވެ. އެއީ ސަހެރް ބަމްބާ އެވެ.
ސަނީގެ ފިލްމު ކުންފުނި ސަނީ ސައުންޑްސް ޕްރައިވެޓް ލިމިޓެޑާއި ޒީ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ދެ ޕޯސްޓަރެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ބެލުންތެރިން މިހާރު ތިބީ މި ފިލްމުގެ ޓްރެއިލާގެ އިންތިޒާރުގަ އެވެ.
ފިލްމަށް ނަން ދީފައި ވަނީ ކަރަންގެ ކާފަ އަދި ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރާ ކުޅުނު 1973 ގެ ފިލްމު "ބްލެކްމެއިލް" ގެ ލަވަ "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ކަޑިއަކުންނެވެ.
ތިރީސް ކްރޯޑްގެ ބަޖެޓަކުން ހަދާފައިވާ "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ސަނީ ޑައިރެކްޓް ކުރި ތިން ވަނަ ފިލްމެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސް ދިނީ 2016 ގެ "ގާޔަލް ވަންސް އެގެއިން" އެވެ. ސަނީގެ އަލަތު ޑައިރެކްޝަނަކީ 1999 ގެ "ދިއްލަގީ" އެވެ.
"ޕަލް ޕަލް ދިލް ކޭ ޕާސް" ސަނީ ސިފަ ކުރަނީ ބެލުންތެރިންނަށް ހަނދާން ނައްތައި ނުލެވޭނެ ކަހަލަ "އެޑްވެންޗަރަސް ލަވް ސްޓޯރީއެއް" ގެ ގޮތުގަ އެވެ.