"ޗަޕާކް" ގައި ދީޕިކާ ޕަދްކޯން ފެންނަލެއް ވަރަށް ތަފާތު ވާނެ: މެގްނާ ގުލްޒާރު
"ޗަޕާކް" ގައި ދީޕިކާ ޕަދްކޯން ފެންނަލެއް ވަރަށް ތަފާތު ވާނެ: މެގްނާ ގުލްޒާރު

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ޗަޕާކް" އިން ދީޕިކާ ޕަދްކޯން ފެންނާނީ އޭނާއަކީ ކާކުކަން ނޭނގޭހާ ތަފާތުކޮށް ކަމަށް ޑައިރެކްޓަރު މެގްނާ ގުލްޒާރު ބުނެފި އެވެ.

މި ބައޮގްރަފިކަލް ޑްރާމާއަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ލޯބީގެ މައްސަލައެއްގައި ފިރިހެނަކު، ލަކްޝްމީގެ މޫނަށް އެސިޑް ޖެހުމުން، މޫނުގެ ސިފަ ވަރަށް ބޮޑަށް ބަދަލުވެފައިވެ އެވެ. އޭނާއަކީ މިހާރު އެތަކެއް ސާޖަރީއަކަށް ފަހު، އާންމު ދިރިއުޅުމެއް އުޅެމުން އަންނަ އަދި މިފަދަ ހަމަލާތަކުގެ ޝިކާރައަކަށްވަމުންދާ މީހުންގެ ދިފާއުގައި މަސައްކަތް ކުރާ އެކްޓިވިސްޓެކެވެ.

"ޗަޕާކް" ގެ ތައްޔާރީތައް މިހާރުވަމުން އަންނަ އިރު، ދީޕިކާ ކުޅޭ ރޯލް ވެގެން ދާނީ ވަރަށް އުނދަގޫ ރޯލެއްކަން ފާހަގަ ކުރަމުން މެގްނާ ބުނީ، އެންމެ ބޮޑު ތަފާތަކަށް ވާނީ އޭނާ ފިލްމުން ފެންނަ ގޮތް ކަމަށެވެ.

"އަހަރެން ބުނާނީ މި ފިލްމުވެގެން ދާނީ ދީޕިކާއަކީ ކާކުކަން ދެނެގަންނަން ވެސް އުނދަގޫވާ ކަހަލަ ލުކަކުންކަން އޭނާ ފެނިގެން ދާނީ،" މިދިޔަ އަހަރު "ރާޒީ" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

މެގްނާ ބުނީ "ޗަޕާކް" އަށް ދީޕިކާ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ އިރު، ފިލްމުވެގެން ދާނީ ހުނަރުވެރި ބަތަލާގެ މޮޅު އެކްޓިއެއް ވެސް ފެނިގެން ދާނެ ފިލްމަކަށެވެ. އަދި ފިލްމު ވަރަށް ވެސް ފުރިހަމަ އަދި ޝައުގުވެރި ފިލްމަކަށް ހަދަން ވަރަށް މަސައްކަތް ކުރާނެ ކަމަށް ކުޅަދާނަ އަންހެން ޑައިރެކްޓަރު ބުންޏެވެ.

"ޗަޕާކް" ގައި ދީޕިކާއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ވިކްރާންތު މަސޭ އެވެ.

އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ މި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދްމާވަތު" އަށް ފަހު، އަދި އެކްޓަރު ރަންވީރު ސިންގްއާ ކައިވެނި ކުރުމަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމެވެ. "ޗަޕާކް" ގެ އެއް ޕްރޮޑިއުސަރަކީ ވެސް އޭނަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފަރާ ހާން ޑައިރެކްޓް ކުރަން ތައްޔާރުވަމުން އަންނަ އައު ފިލްމުގެ ބަތަލާއަކީ ވެސް ދީޕިކާ އެވެ.