އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 3 ގައި
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހު 3 ގައި

އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ތިން ވަނަ ދުވަހު ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ އާންމު ޖަލްސާ އޮންނާނީ ތިން ވަނަ ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުމާއި ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މި އަހަރަށް ކަނޑައަޅާ އޮޑިޓަރުން ހޮވައި އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސް ކުރުމާއި ޑިވިޑެންޑްގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައެޅުން އޮންނާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 8:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެ އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާ ނަމަ "ޕްރޮކްސީ ފޯމު" ފުރުމަށް ފަހު ހުށަހަޅަން ޖެހޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. ޕްރޮކްސީ ކެންސަލްކުރަން ބޭނުންވާ ނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ހުށަހަޅަންޖެހެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ މި މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7:30 އާއި 8:30 އާ ދެމެދު ރަޖިސްޓާކުރުން އޮންނާނެ އެވެ. ރަޖިސްޓަކުރަން އަންނަ އިރު ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓް ގެންދަން ޖެހޭނެ އެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 88 ޕަސެންޓް ހިއްސާދާރުންނަށް ބެހުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.22ރ. ބަހަން ހަމަޖެހިފައިވެ އެވެ.