ޑެލިވަރީކުރި ނޫޑްލްސް ޕެކްގައި ބޭސްމަލަންކޮޅެއް
ޑެލިވަރީކުރި ނޫޑްލްސް ޕެކްގައި ބޭސްމަލަންކޮޅެއް

އިންޑިއާގައި ޑެލިވަރީ ހިދުމަތް ދޭ ޒޮމޭޓޯގެ މުވައްޒަފަކު، ކަސްޓަމަރަކު އޯޑަރު ކުރި ކާއެތިކޮޅު ކައިލާ ތަން ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނިކޮށް މިއަށް ވުރެ ވެސް ފަކުރު ކަމެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ. މިފަހަރު ޑެލިވަރީގެ ހިދުމަތް ދޭ ސްވިގީއަށެވެ.

ސްވިގީ އެޕް މެދުވެރިކޮށް މި މަހުގެ 10 ވަނަ ދުވަހު އޯޑަރުކޮށްގެން ގެންދިިޔަ ފްރައިޑް ޗިކެން ނޫޑްލްސް ޕެކެއްގެ ތެރެއިން ފެނުނީ ބޭސްމަލަންކޮޅެކެވެ. މިކަން ދިމާވި ޗެންނައިގެ ބާލަމުރުގަން ދިންޑަޔާލަން ބުނި ގޮތުގައި ނޫޑްލްސް ޕެކްގެ ދެބައިކުޅަ އެއްބައި ކައިލެވުނު ފަހުން އޭގެ ތެރެއިން ފެނުނީ ލޭ ވެސް ހުރި ބޭސްމަލަންކޮޅެކެވެ.

ގަތް ފަކުރުން، ކެއުން ހުއްޓާލައި، މޭނުބައިކޮށްފައި ހުރެގެން އޭނާ ވަގުތުން ސްވިގީއަށާއި ކެއުން އޯޑަރު ކުރި ރެސްޓޯރަންޓަށް ގުޅަން މަސައްކަތް ކުރި އެވެ. އެކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެހެންވެ އެންމެ ފަހުން ބޭސްމަލަންކޮޅު އޮތް ނޫޑްލްސް ޕެކްގެ ފޮޓޯއެއް ނަގައި، ސްވިގީގެ ފޭސްބުކް ޓައިމްލައިންގައި އެ ވާހަކަ ހިއްސާ ކުރި އެވެ.

އެއަށް އިންބޮކްސް މެދުވެރިކޮށް އިޖާބަ ދެމުން ސްވިގީން ބުނީ އޯޑަރު ނެގި ރެސްޓޯރަންޓާ އެ ވާހަކަ ހިއްސާކޮށް މައްސަލަ ބަލާނެ ކަމަށެވެ. ސްވިގީން މިހާރު ވަނީ އޯޑަރު ނެގި ރެސްޓޯރަންޓާ އެކު އެ މީހުން ހަދާފައި އޮތް އެއްބަސްވުން ވެސް ވަގުތީ ގޮތުން ބާތިލުކޮށްފަ އެވެ.

އެތަނުން ބުނީ އެންމެ މުހިއްމު ކަމަކީ ކާބޯތަކެތި ފޯރުކޮށްދޭ އިރު ސާފު ތާހިރުކަން ކަށަވަރުވުން ކަމަށާއި ރެސްޓޯރަންޓްތަކާ އެކު އެއްބަސްވުން ހަދާފައި ވެސް ހުންނާނީ ވާނީ އެކަމަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި ސާފުތާހިރުކަން ކަށަވަރު ކުރުމަށް ދޭތެރެ ދޭތެރޭ ރެސްޓޯރަންޓްތަކުގެ އޮޑިޓް ވެސް ހަދާ ކަމަށް ސްވިގީން ބުންޏެވެ.