13 ފެބުރުއަރީ 2019 - 13:24

ރިިޔާޒް (ފެބްރުއަރީ 13) - އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި ހިމެނޭ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސައުދީ ރަސްގެފާން ސަލްމާން ދެއްވައިފި އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ރިޔާޒުގައި ބައްދަލު ކުރައްވާ ސަލްމާން ރަސްގެފާން ވިދާޅުވީ ސައުދީ އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނާ އެކު ކަމަށެވެ. ސައުދީ ރަސްގެފާން މިހެން ވިދާޅުވެފައި މި ވަނީ ޕޮލެންޑުގައި ބާއްވާ ބައްދަލުވުމަށް ފަލަސްތީނާއި އިޒްރޭލުން ސުލްހަ ގާއިމްކުރުމަށް އެމެރިކާ އިން ހުށަހެޅުމެއް ހުށަހަޅަން އުޅޭކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެފައި ވަނީ ޕޮލެންޑުގެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައިވެރިވާނެ ކަމަށެވެ.
ރައީސް މަހްމޫދު އައްބާސްއާ ހަވާލާދީ ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފައި ވަނީ މެދުއިރުމަތީގެ ސުލްހައިގެ އެންމެ ފަހުގެ މައުލޫމާތު ސަލްމާން ރަސްގެފާންއާ ހިއްސާކޮށްފައިވާ ކަމަށެވެ.
ޕޮލެންޑުގެ ބައްދަލުވުމަކީ އެމެރިކާގެ މަކަރުވެރި ރޭވުމެއް ކަމަށް ފަލަސްތީނުން ވަނީ ބުނެފަ އެވެ. އަދި އެމެރިކާ އިން ހަމަހަމަ ސިޔާސަތެއް ނުގެންގުޅޭހާ ހިނދު ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ފަލަސްތީނުން ދަނީ ދެކޮޅު ހަދަމުންނެވެ.