ފްލެޓް ދިނުމުގައި ބޮޑެތި އިހުމާލުތައްް އެބަހުރި: ކޮމިޓީ
ފްލެޓް ދިނުމުގައި ބޮޑެތި އިހުމާލުތައްް އެބަހުރި: ކޮމިޓީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައިވާ ކަމަށް، ފްލެޓް ދިން ގޮތުގެ މައްސަލަ ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.

ފްލެޓް ދިނުމުގައި ބޮޑެތި އިހުމާލުތައްް އެބަހުރި: ކޮމިޓީ
ފްލެޓް ދިނުމުގައި ބޮޑެތި އިހުމާލުތައްް އެބަހުރި: ކޮމިޓީ

ފްލެޓް ދިނުމުގައި ކަން ހިނގާފައިވާ ގޮތް ބަލައި، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން އުފައްދާފައިވާ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ ފޯމްތައް ހޯދަން ހައުސިން މިނިސްޓްރީއަށް ދިޔައިރު ފޯމްތައް ހުރީ "ބިންމައްޗަށް އުކާލާފައި" ކަމަށެވެ.

"ރައްޔިތުންގެ ހައްގުތައް އެކުލެވިގެންވާ އެއްޗެއް ދެއްތޯ ފޯމްތަކަކީ. އެހުރިހާ ފޯމްތައް ހުރީ ހަމަ އުކާލާފައޭ އަޅުގަނޑަށް ދެންނެވޭނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކޮމިޓީގެ މެމްބަރު އަހުމަދު ތޮލާލް ވިދާޅުވީ ކޮމިޓީން އެންމެ ފުރަތަމަ ބަލަމުން އަންނަނީ ބަލަން ހަވާލުވެފައިވާ ތިން މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހިޔާ މަޝްރޫއުގެ ފޯމްތައް ކަމަށެވެ.

ކޮމިޓީން ބަލަން ރައީސް ހަވާލުކުރައްވާފައި ވަނީ "ގެދޮރުވެރިކުރުވުމުގެ މަޝްރޫއު" ގެ ނަމުގައި ހިންގި މަޝްރޫއާއި ގުޅިފަޅު މަޝްރޫއު އަދި ހިޔާ މަޝްރޫއެވެ.

ތޮލާލް ވިދާޅުވީ މިހާރު ބަލަމުން އަންނަނީ ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ނިންމާފައިވާ ފަރާތްތަކުގެ ފޯމްތައް ކަމަށެވެ. އެ ފޯމްތައް ބެލުމަށް ފަހު ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށާއި ދެން ބަލާނީ ޝަކުވާތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ ފްލެޓް ދިނުމުގައި އިންސާފުން ބޭރުން އަމަލުކޮށްފައިވާކަން މިހާތަނަށް ކުރި މަސައްކަތުން ވެސް އެނގިފައިވާ ކަމަށެވެ.

"މިހާތަނަށް ވެސް އަޅުގަނޑުމެން މި ބެލި ބެލުމުން ފޯމްތަކުން ފެންނަން ހުރި މައުލޫމާތުތަކާ އަދި ބައެއް ފަރާތްތަކާ ކުރި އިންޓަވިއުތަކުން ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި ވަނީ މި މަޝްރޫއުތައްް ހިނގާފައި ވާއިރުގައި ހަމަ އިންސާފުން ބޭރުން ކަންތައްތައް ކުރެވިފައިވާ ކަމާއި މީގައި ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައިވާކަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިހުމާލުވެފައި ވަނީ ކިހާ ވަރަކަށް ކަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން 6،723 މީހަކަށް ފްލެޓް ލިބޭކަން ކުރީގެ ސަރުކާރުން ވަނީ އަންގާފަ އެވެ. އެއީ 12 ކެޓަގަރީއަކުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ހިމެނެނީ މާލޭ ރައްޔިތުންގެ ކެޓަގަރީގަ އެވެ. އެ ކެޓަގަރީން 4،505 މީހަކަށް ފްލެޓް ލިބޭނެކަން ވަނީ އަންގާފަ އެވެ.