"ރޮނާލްޑޯގެ ކުރިން އިކާޑީ ގެންނަން މަސައްކަތްކުރިން"
"ރޮނާލްޑޯގެ ކުރިން އިކާޑީ ގެންނަން މަސައްކަތްކުރިން"

ޓިއުރިން (ފެބްރުއަރީ 13) – ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމުގެ ކުރިން އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީ ގެންނަން މަސައްކަތްކުރި ކަމަށް ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި، ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރި ނަމަވެސް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް އަތުން ބަލިވުމަކީ ޕަރަޗިޓީ ބުނި ގޮތުގައި ސްކޮޑަށް ބަދަލުތަކެއް ގެންނަން ބޯޑުން ނިންމަން މެދުވެރިވި ސަބަބެއް ކަމަށެވެ.

ޔުވެންޓަސް އިން ރޮނާލްޑޯ ގެނައީ އެ ވިސްނުމުގެ ތެރެއިން ޓީމަށް ބޮޑު ބަދަލެއް ގެނައުމަށެވެ. އޭނާ އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެކަމަކު އޭގެ ކުރިން ބޭނުންވީ އިކާޑީ އެވެ.

"އަހަރެން ވިސްނިން ޖިއަންލުއިޖީ ބުފޮން ދަނީޔޭ. ހަތް ވަނަ ފަހަރަށް ލީގު ކާމިޔާބުކުރި ނަމަވެސް ޗެމްޕިއަންސް ލީގުން ހިތްދަތި ގޮތަކަށް ކެޓީޔޭ. އެހެންވީމާ ސްކޮޑަށް ހިތްވަރުދޭން ކަމެއް ކުރަން ޖެހެޔޭ،" ޕަރަޗިޓީ ބުންޏެވެ. "އަހަރެން ޗެއާމަން އަގްނެޔީ އާއި ވައިސް ޗެއާމަން ނެޑްވަޑްއާ ބައްދަލުކުރިން އަދި އަހަރެމެން އެއްބަސްވިން މުޅި ޓީމު ހައިރާންކޮށްލަން ޖެހޭ ކަމަށް."

ޕަރަޗިޓީ ބުނީ އެކަން ކުރެވެން އޮތީ ދެ ގޮތަކަށް ކަމަށާއި ފުރަތަމަ ގޮތަކީ އިކާޑީ ގެނައުން ކަމަށާއި ދެ ވަނަ ގޮތަކަށް ވިސްނީ ރޮނާލްޑޯ ގެނައުން ކަމަށެވެ. އެކަމަކު އިކާޑީ ގެނައި ނަމަ އެކަން ބޮޑު ކަންތައްގަނޑަކަށް ވީސް ކަމަށް ޕަރަޗިޓީ ދެކެ އެވެ. ސަބަބަކީ އިންޓަ އާއި ޔުވެންޓަސްއާ ދެމެދު އޮންނަ ވާދަވެރިކަމެވެ.

ޔުވެންޓަސްގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން ކްލަބް ދޫކޮށްލަފާނެ ކަމަށް ބެލެވޭ ކުޅުންތެރިޔަކީ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ އެވެ. އެކަމަކު ޕަރަޗިޓީ ބުނީ ޑީބަލާ ދޫކޮށްފައި ގެންނާނެ ކުޅުންތެޔަކު ނެތް ކަމަށާއި އެހެންވެ އޭނާ އެ ޓީމު ދޫކޮށްލާތަން ނުފެންނަ ކަމަށެވެ.

"އަހަރެމެންގެ ސްކޮޑަށް މިއަށް ވުރެ ވަރުގަދަ ކުރަން އުނދަގޫ ސްކޮޑެއް. (މިސާލަކަށް) ޑީބަލާ އަށް ވުރެ ވަކި މޮޅު ކާކު ހުރީ؟ ލިއޮނަލް މެސީ ގެންނަން ޔަގީނުން ވެސް އުނދަގޫވާނެ. ނޭމާއާ މެދު ވެސް އަހަރެން ޝައްކު،" ޕަރަޗިޓީ ބުންޏެވެ.