25 އޯގަސްޓް 2016 - 11:02

ކޮންމެ ފަދަ ހާލަތެއްގައި ވެސް ސިފައިންނަކީ ފަސްނުޖެހި ގައުމުގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ ބައެއް ކަން ހަނދާންކޮށްދޭން ހާއްސަ ޖަލްސާއެއް ރޭ ބާއްވައިފި އެވެ.

ސިފައިންގެ ހިތްތަކުގައި ގައުމީ ރޫހު އާލާކުރަން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އެ ޖަލްސާގައި ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންނެވީ ޑިޕާޓްމެންޓް އޮފް ކައުންޓަ ޓެރަރިޒަމްގެ ޑައިރެކްޓަ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރެވެ. ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ތަފާތު އެކި ހާދިސާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ މިއަދުގެ ހާލަތާއި މަސްރަހާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް އޭނާ ވާހަކަ ދެއްކެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފައިންނަކީ ކޮންމެ ފަދަ ދަތި ހާލެއްގައި ވެސް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ފަސްނުޖެހި ގައުމުގެ ދިފާއުގައި ތެދުވަން ތިބި ބަދަހި ލަޝްކަރެއް ކަން ޒަކަރިއްޔާ މަންސޫރު ހަނދާންކޮށްދެއްވި އެވެ.
"ގައުމުގެ އެތެރެއިންނާއި ބޭރުން ގައުމަށް ކުރިމަތިވެދާނެ ކޮންމެ އުދުވާނަކަށް ފާރަވެރިވެ ދީނާއި ގައުމުގެ ހައްގުގައި ފުރާނައިން ގުރުބާންވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެއް ކަން ސިފައިންނަށް ހަނދާން އާކޮށްދެއްވާފައިވެ އެވެ،" ޖަލްސާއާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ވެބްސައިޓުގައިވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ސިފައިންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާ ނިންމާލީ ހާއްސަ ދުއާއަކުންނެވެ.