"އަކުއާމޭން" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި
"އަކުއާމޭން" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި

މިދިޔަ އަހަރު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ސުޕަހީރޯ ފިލްމު "އަކުއާމޭން" ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި އެވެ.

ވޯނާ ބްރޮސް އިން މިހާރު ވަނީ ފުރަތަމަ ބައިގެ ވެސް ސްކްރީންޕްލޭ ލިޔުނު ލެޒްލީ ޖޯންސަން-މެކްގޯލްޑްރިކްއާ "އަކްއާމޭން 2" ގެ ސްކްރީންޕްލޭ ވެސް ހަވާލުކޮށްފަ އެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ޕްރިކްއެލްގެ ޑައިރެކްޓަރު ޖޭމްސް ވެން އާއި ޕީޓާ ސަފްރާން ވެސް ހިއްސާވާނެ އެވެ. ދެވަނަ ބައި ވެސް ޖޭމްސް ޑައިރެކްޓް ކުރާނެ އެވެ.

"އަކުއާމޭން" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޖޭޒަން މޮމޯއާ، ނިކޯލް ކިޑްމަން، ވިލެމް ޑެފޯ، އެމްބާ ހާޑް، ޕެޓްރިކް ވިލްސަން އަދި ޔަހްޔާ އަބްދުލްމަތީން 2 އެވެ.

ވޯނާ ބްރޮސް އިން މި ފިލްމުގެ ދެވަނަ ބައެއް ހަދާކަން އިއުލާންކޮށްފައި މި ވަނީ މި ފިލްމުގައި ދައްކުވައިދޭ ކަނޑުއަޑީގެ މަހުލޫގުންތަކެއްގެ ކެރެކްޓާތަކަށް ހާއްސަކޮށްގެން ބިރުވެރި ފިލްމެއް "ދަ ޓްރެންޗް" ގެ ނަމުގައި ގެނެސް ދޭން ވެސް މިދިޔަ ހަފުތާ ތެރޭގައި އިއުލާންކޮށްފައި ވަނިކޮށެވެ.

މީގެ ސްކްރީންޕްލޭ ލިޔަނީ ނޯއާ ގާޑްނާ އާއި އެއިޑެން ފިޒްގެރާލްޑްއާ އެވެ.