ރެއާލަށް މި އަހަރު ވެސް ޗެމްޕިއަންސް ލީގު ހޯދޭނެ: ސޮލާރީ
ރެއާލަށް މި އަހަރު ވެސް ޗެމްޕިއަންސް ލީގު ހޯދޭނެ: ސޮލާރީ

އަމްސްޓަޑަމް، ނެދަލެންޑްސް (ފެބްރުއަރީ 13) - ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދޭނެ ފެންވަރު ރެއާލް މެޑްރިޑުގައި އެބަހުރި ކަމަށާއި އޭނާ އެ ކަމަށް މަސައްކަތްކުރާނެ ކަމަށް ރެއާލުގެ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފި އެވެ.

މިދިޔަ ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ފަހު މިދިޔަ މެއި މަހު ކުއްލި ގޮތަކަށް ޒިނެދިން ޒިދާން ވަނީ އެ ޓީމުން ވަކިވެފަ އެވެ. ޒިދާންގެ ބަދަލުގައި ރެއާލުން ފުރަތަމަ ގެނައީ އޭރު ސްޕެއިނުގެ ކޯޗަކަށް ހުރި ހުލެން ލޮޕެޓެގީ އެވެ. އެކަމަކު އޭނާގެ ކޯޗުކަމުގައި ޓީމުގެ ހާލަތު ދަށްވާތީ ރެއާލުން ވަނީ ކުރިން އެ ޓީމަށް ކުޅުނު އާޖެންޓީނާގެ ސޮލާރީ ގެނެސްފަ އެވެ.

ސޮލާރީގެ ކޯޗުކަމުގައި ރެއާލުން މިހާރު ވަނީ ކުރީގެ ފޯމަށް އެނބުރި އައިސްފަ އެވެ. މިރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި އަަޔަކްސްއާ ދެކޮޅަށް ނުކުންނައިރު މި މުބާރާތަށް ވެސް ސޮލާރީ ބޮޑު އުއްމީދެއް ކުރެ އެވެ.

"ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުން، މިއީ ރެއާލަށް ނުވާނެ ކަމެކޭ އަހަރެން ނުބުނާނަން. އެއީ މި ޓީމަކީ އުނދަގޫ ހާލަތްތަކުން އަރައިގަނެ ތަށި ހޯދާފައިވާ ޓީމެއްކަން ތާރީހުން އެނގެން އޮތީމާ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޮލާރީ ބުންޏެވެ.

"ފުޓްބޯޅައިގައި ހުވަފެން ސީދާކުރަން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަންވީ. މި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް އަހަރެން ފުރުސަތު މި ދެނީ އެ ހުވަފެން ހާސިލްކުރަން."

ޗެލްސީ ދޫކޮށް މި ސީޒަނުގައި ރެއާލަށް ބަދަލުވި ބެލްޖިއަމްގެ ގޯލުކީޕަރު ތިބައު ކޯޓުއާ ބުނީ ރެއާލަކީ ކޮންމެ އަހަރަކު ވެސް ޗެމްޕިއަންސް ލީގުގެ ފޭވަރިޓެއް ކަމަށެވެ.

"ޖެހިޖެހިގެން ހަތަރު (ޗެމްޕިއަންސް ލީގުގެ) ތަށި ހޯދިދާނެ. ކޮންމެ އަހަރެއްގައި ވެސް ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ޗެމްޕިއަންސް ލީގުގެ ފޭވަރިޓެއް ކަނޑައަޅާއިރު ރެއާލް މެޑްރިޑްގެ ނަން އަންނަނީ ސަބަބެއް އޮތީމާ،" މިދިޔަ ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދި ކޯޓުއާ ބުންޏެވެ.

އަޔަކްސް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރާއިރު މިއީ 2006 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ނޮކައުޓު ބުރުގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަޔަކްސްގެ ކޯޗު އެރިކް ޓެން ހަގް ބުނީ މިއީ އޭނާގެ ޓީމަށް ރަނގަޅު ޓެސްޓެއް ކަމަށާއި އުއްމީދަކީ މުބާރާތުގެ އަނެއް ބުރުގައި އެ ޓީމުގެ ނަން އޮތުން ކަމަށެވެ.

އަޔަކްސްގެ ޔޯހަން ކްރައިފް އެރީނާގައި މިރޭ ރެއާލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.