13 ފެބުރުއަރީ 2019 - 10:42

ރާއްޖޭގައި ވަޒީފާ ލިބުން ދަތިވެފައިވާ ކަމަށާއި އެހެންވެ ވަޒީފާ ހޯދުމުގެ ބޭނުމުގައި ރާއްޖެ ނައުމަށް ބަންގްލާދޭޝް ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ބަންގްލަދޭޝްގެ "ނިއު އޭޖް" ނޫހުން ބުނީ ރާއްޖެއަށް މީހުން ނުފޮނުވަން ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެކްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓުން އެޖެންސީތަކަށް ވެސް އަންގާފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ނޫހުން ބުނީ މިގޮތަށް ލަފާ ދިނީ ބަންގްލާދޭޝް މީހުން ރާއްޖެ އަށް ނުފޮނުވަން، ރާއްޖޭގައި ހުންނަ ބަންގްލާދޭޝް ހައިކޮމިޝަނުން ދިން އިރުޝާދަކާ ގުޅިގެން ކަމަށެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގިނަ ބަޔަކު މިހާރު ވެސް ވަޒީފާ ނެތި އެބަތިބި ކަމަށް ހައިކޮމިޝަނުން ސަރުކާރަށް އަންގާފައިވާ ކަމަށް ނޫހުގައިވެ އެވެ.
"ބަންގްލާދޭޝްގެ މަސައްކަތްތެރިން ރާއްޖެ އަށް ދިއުން ހުއްޓާލަންޖެހޭ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު އޭގެ ތެރޭގައި ސައްހަ ލިޔެކިއުންތައް ނެތް 63،000 މީހުން އުޅޭ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިދިޔަ މަހު 17 ގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ ވޯކް ވިސާގައި 144،607 މީހުން ރާއްޖެ އެތެރެވެފައިވާ ކަމަށާއި އެކަމަކު އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ފޮނުވާލުމުގެ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ. އޮޕަރޭޝަން ފެށި ދުވަހު 80 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު އޭގެ ތެރެއިން 69 މީހަކީ ގަވައިދާ ހިލާފަށް އުޅުނު މީހުން ކަމަށް އެ އިދާރާއިން ބުންޏެވެ.