13 ފެބުރުއަރީ 2019 - 08:26

ކުޅިވަރުގެ ކަންތައްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެކަމުގެ ތެރެއިން އެއްވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުތަކުގައި ކުޅިވަރު ތެރޭގައި އުޅޭ ގިނަ ފަރާތްތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރި އެއް ކަމަކީ ސަރުކާރުގެ ނުފޫޒު ކުޅިވަރުގެ ތެރެއަށް ވަދެ ގިނަ އެސޯސިއޭޝަންތަކެއްގެ ހިންގުމަށް އަސަރުކޮށްފައިވާ ކަމެވެ.
މަހުލޫފު "މިހާރަ"ށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެންމެ މުހިއްމީ އެސޯސިއޭޝަންތަކުގެ އެއްބާރުލުން ކަމަށެވެ.
"އެސޯސިއޭޝަންތައް ހިންގުމުގައި ބައިވަރު މައްސަލަތަކެއް އެބަހުރި. އަޅުގަނޑު މި ކިޔަނީ އެސޯސިއޭޝަންތައް ފަހަތުން ދުވެގެން ކަންތައްތައް ކުރުމެއް ނޫން. އެ އަށް ވުރެ ވެސް ބޮޑަށް އަޅުގަނޑު ވެސް މިހުރީ އެއްކޮށް މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި އެންމެ ގިނައިން ފެނިގެންދިޔަ މަންޒަރަކީ އެސޯސިއޭޝަންތަކުގެ އިންތިހާބުތަކުގައި ފެނިގެންދިޔަ ކޯޅުންތަކެވެ. ބައެއް އިންތިހާބުތައް ވަނީ ހޯމް މިނިސްޓްރީ މެދުވެރިކޮށް ބާތިލުކޮށްފަ އެވެ. އަދި އަނެއް ބައި އިންތިހާބުތައް ތާވަލްކޮށް ތަފާތު އެކި ފަހަރުތަކެއްގެ މަތިން ވަނީ ލަސްކުރަން ވެސް ޖެހިފަ އެވެ.
މަހުލޫފު ވިދާޅުވީ ވަކި ސަރުކާރަށް ތާއީދުކުރާ މީހަކު އެސޯސިއޭޝަނެއްގައި ހުރުން ލާޒިމެއް ނޫން ކަމަށާއި ބޭނުންވަނީ އެ ކުޅިވަރަކަށް ކޮށްދޭ ހިދުމަތް ރަނގަޅުވުން ކަމަށެވެ.
"އެސޯސިއޭޝަންތަކުގައި އެބަތިބި ރައީސް ޔާމީން ސަރުކާރުގައި ވަރަށް އަރިސްކޮށް އުޅުނު ބޭފުޅުން. މިސާލަކަށް ކްރިކެޓްގައި އަފޫ. ހަމަ ވަރަށް ގާތް. ތޮލާލް (އެތުލެޓިކްސް އެސޯސިއޭޝަން) އެކަމަކު އަޅުގަނޑާ އެކީ އެންމެ ގާތުން މަސައްކަތް ކުރެވޭ ދެބައި މީހުންގެ ވާހަކަ މި ބުނީ. ވަރަށް ރަނގަޅަށް ކަންތައްތައް ދަނީ." ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމު ފުރުއްވި މަހުލޫފު ވިދާޅުވި އެވެ.
"އެއްވެސް ޕޮލިޓިކަލް އިންޓްރެސްޓެއް ނެތް އަޅުގަނޑުމެންގެ. އެއްބާރުލުން ލިބޭނަމަ ހަަމައެކުގައި ކުރިއަށްދާންވީ."
އެސޯސިއޭޝަންތައް ހިންގުމުގައި އެކި ފަރާތްތަކާއި މަޝްވަރާ ކޮށްލުމުން އެކި މައްސަލަތައް ފާހަގަކުރެވެމުން އަންނަ ކަމަށާއި އެކަން ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"ކަންތައްތައް ކުރާއިރު އަޅުގަނޑަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭން ޖެހޭ ފަރާތެއް ސްޕޯޓްސް ކޮމިޝަނަރަކީ. މިހާރު އެ ހުރި ސްޕޯޓްސް ކޮމިޝަނަރަކީ ރައީސް ޔާމީން އައްޔަނުކޮށްފައި ހުރި ބޭފުޅެއް. އަޅުގަނޑަށް ޔަގީން އެ މަގާމު ބަދަލުވާނެ. އެ މަގާމަށް މި ސަރުކާރުގެ ވިސްނުމުގައި ހުރި ފަރާތެއް ގެނެވުނީމަ އަސްލު އެސޯސިއޭޝަން ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނީ،" އިތުބާރާ އެކު މަހުލޫފު ވިދާޅުވި އެެވެ.
ފަހަކަށް އައިސް މިނިސްޓަރު މަހުލޫފާ އެންމެ ބޮޑަށް މައްސަލަ ގޯސްވެފައި އޮތީ އެފްއޭއެމްއާ އެވެ. އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ކްލަބްތަކަށް މަހުލޫފު ނުފޫޒު ފޯރުވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. މަހުލޫފު ވަނީ ކުޅިވަރުގައި ރަނގަޅު ކުރަން ހުރި ކަމެއް ކުރެވެން ހުރި އިމެއްގެ ތެރެއިން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މަހުލޫފު ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއާ ހަވާލިވިތާ މިވީ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެ ކަންތައްތަކާ މެދު ހިތްހަމަ ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.
"އެފްއޭއެމްއާ ދެމެދު މި އުޅޭ ކްލޭޝް (ދެބަސްވުން) ތެރޭގައި ކޮޅެއް ނަގަން މަޖުބޫރުވެފައި ތިބި ބަޔަކު އެބައުޅޭ. އެކަމަކު ވަކިން އެސޯސިއޭޝަނެއްގައި ގޮސް އަހައިފިއްޔާމު އަޅުގަނޑަށް 100 ޕަސެންޓް ޔަގީން އެ ބޭފުޅުން އަޅުގަނޑު ކުރި މަސައްކަތް ބަލައިގަންނާނެކަން،" އޭނާ ވިދާޅުވި އެވެ.
އެސޯސިއޭޝަންތަކަށް ހުރި ދަތިތަށް ހައްލުކޮށްދޭން އަބަދުވެސް މަސައްކަތް ކޮށްދޭނެ ކަމަށާއި ބޭނުންވަނީ ވީހާ ވެސް ހުރިހާ ކުޅިވަރެއްގެ ފަރާތްތަކުގެ ލަފާ ހޯދައިގެން ކުރިއަށް ދިއުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ވެސް މަދުވެގެން 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ނިންމައިފަ އެވެ. އަދި އެކި ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ފަރަގު ނައްތާލައި ހުރިހާ ކުޅުންތެރިންނަށް 5000 ރުފިޔާ އަށް ހަމަޖައްސައިފަ އެވެ.