ސްޓެލްކޯގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު
ސްޓެލްކޯގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު

ސްޓެލްކޯގެ ޗެއާމަނަކަށް، އެ ކުންފުނީގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ މުހައްމަދު ރަޝީދު މިއަދު އައްޔަންކޮށްފި އެވެ.

ރަޝިއާ އިން ތައުލީމް ހާސިލް ކުރެއްވި މުހައްމަދު ރަޝީދު މީގެ ކުރިން ވަނީ ސްޓެލްކޯގެ ސީއީއޯ ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދިގު މުއްދަތެއް ވަންދެން އަދާކުރައްވައިފަ އެވެ.

ސްޓެލްކޯ އަށް ހިދުމަތް ކުރައްވާތާ 48 އަހަރުވެފައިވާ މުހައްމަދު ރަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެ ކުންފުނީގެ އިންޖީނިއަރެއްގެ ގޮތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ސްޓެލްކޯގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެންނަވައިފަ އެވެ. އެގޮތުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވީ ހަސަން މުގްނީ އެވެ.

މުގްނީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ. މުގްނީ އަކީ އެނގިފައިވާ ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ފޮނުވި ނަމެކެވެ.