ސިޓީ ޗެމްޕިއަންސް ލީގަށް، ހާޓްއާ މެދު ގޮތެއް ނުނިމޭ
ސިޓީ ޗެމްޕިއަންސް ލީގަށް، ހާޓްއާ މެދު ގޮތެއް ނުނިމޭ

މެންޗެސްޓާ (އޮގަސްޓް 25) - ޗެމްޕިއަންސް ލީގު ކޮލިފައިން ދެ ވަނަ ލެގުގައި ރޭ ގޯލްކީޕަރު ޖޯ ހާޓަށް ފުރުސަތު ދީގެން ކުޅެ، ސްޓެއުއާ ބުކަރެސްޓް 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ.

ސްޓެއުއާގެ މައްޗަށް ސިޓީ ކުރި ހޯދީ 5-0 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ކާމިޔާބުކުރީ ސިޓީގެ ފަަބިއަން ޑެލްފް އެވެ. ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ ތިން މެޗުގައި ހާޓަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދެ އެވެ. ނަމަވެސް ރޭގެ މެޗުގައި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ހާޓް އެވެ. ސިޓީން ވަނީ ބާސެލޯނާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ގަންނަން އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރޭގެ މެޗަކީ ހާޓް ސިޓީ އަށް ކުޅެދިން ފަހު މެޗެވެ. އެހެން ނަމަވެސް ހާޓް ރޭގެ މެޗަށް ފަހު ބުނީ މުސްތަގުބަލާ ގުޅޭގޮތުން ވަކިގޮތެއް އަދި ނުނިމޭ ކަމަށެވެ.

"އަހަރެންގެ މުސްތަގުބަލާ ގުޅޭގޮތުން އަދި ގޮތެއް ނުނިމޭ. އެއީ އަހަންނަށް އޮތް ބޮލުގެ ރިހުމެއް އެކަމަކު ބޭނުންވަނީ މި މެޗުގައި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި މި ހޯދުނު ކާމިޔާބީގެ އުފާ ހާސިލްކުރަން،" އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ހާޓް ބުންޏެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ހާޓަކީ އެ ކްލަބްގެ ލެޖެންޑެއް ކަމަށާއި އެހެން ނަމަވެސް ކްލަބަށް ފައިދާވާ ގޮތަށް ނިންމުމެއް ނިންމަން ފަސް ނުޖެހޭނެ ކަމަށެވެ.

"ހާޓަކީ ސިޓީ ހޯދާފައިވާ ހުރިހާ ކާމިޔާބީތަކެއްގައި ހިއްސާ ބޮޑު ކުޅުންތެރިއެއް. ހާޓްގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކައިފިން. އަހަރެންނަކީ ކްލަބްގެ ޒިންމާ ނަގައިގެން ހުރި މީހާ ނަތީޖާ ނުނެރެވިއްޖެނަމަ ކުޅުންތެރިންނެކޭ އެއްގޮތަށް އަހަންނަށް އޮންނަ ޕްރެޝަރު ބޮޑު،" ގާޑިއޯލާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ސިޓީން ހާޓް ދޫކޮށްލައިފިނަމަ އޭނާ ބޭނުންވަނީ އިނގިރޭސި ބޮޑު ކްލަބަކަށް ބަދަލުވުމަށެވެ. އޭނާ އަށް ލިވަޕޫލާއި އެވަޓަނުން ޝައުގުވެރިވެ އެވެ.