12 ފެބުރުއަރީ 2019 - 16:06

އިންގްލެންޑުން އުފުލާލި ހަމައެކަނި ވޯލްޑް ކަޕް، 1966 ވަނަ އަހަރު ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ގޯޑަން ބޭންކްސް އުމުރުން 81 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ލެސްޓާ ސިޓީ އާއި ސްޓޯކް ސިޓީގެ ކުރީގެ ކުޅުންތެރިޔާ މަރުވީ ނިދީގެ ހަމަހިމޭންކަމުގެ ތެރޭގައި ކަމަށް އާއިލާ އިން ބުނެ އެވެ. ބޭންކްސްގެ މަރާ އެކު ފުން ހިތާމައެއް ލިބިފައިވީ ނަމަވެސް އެތައް އުފާވެރި ހަނދާންތަކެއްވާކަން ވެސް އާއިލާ އިން ފާހަގަކުރި އެވެ.
އެންމެ ބޮޑު ހަނދާނަކީ، އަމިއްލަ ގައުމުގައި ބޭއްވި އެ ވޯލްޑް ކަޕް އިނގިރޭސިން ކާމިޔާބުކުރިއިރު ހުރިހާ މެޗެއްގައި ކުޅެ އެ ގައުމަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގައި އޭނާ ހިއްސާވުމެވެ.
ޖެހިގެން އައި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން އިންގްލެންޑް ކެޓި ނަމަވެސް، ގްރޫޕް ސްޓޭޖުގައި ބްރެޒިލް އަތުން 1-0 އިން އިންގްލެންޑް ބަލިވި މެޗުގައި ޕެލޭގެ ހަމަލާ މަތަކުރަން އޭނާ ކުރި ސޭވަކީ ތަޖުރިބާކާރުން ދެކޭ ގޮތުގައި ފުޓްބޯޅައިގައި ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު ސޭވެވެ.
އޭރިއާ ތެރެއިން ޖަޒީނިއޯ ހުރަސްކުރި ބޯޅަ، ޕެލޭ ފުންމައިގެން އަރައި އެހާމެ ބާރު ބިމުގައި އަމާޒުކޮށްލީ ސީދާ ބިމަށެވެ. އެއީ އެ ބޯޅަ މަތަކުރަން ކީޕަރު ޑައިވްކުރާއިރު، ބޯޅަ ފެނުގައި ޖެހިފައި މިސްރާބު ބަދަލުވެގެން، ގޯލަށް ވަންނަން ދާއިރު މަތަކުރެވޭނެ އެއްވެސް ގޮތެއް ކީޕަރަށް ނޯންނާނެކަން ޔަގީންކޮށްފަ އެވެ. އެކަމަކު ބޭންކްސް މާ ހުށިޔާރެވެ. ޖަޒީނިއޯ އެ ބޯޅަ ހުރަސްނުކޮށް ސީދާ ގޯލަށް ޖަހާފާނެ ކަމަށް ބަލައި، ކައިރި އޭންގަލް ނަގައިގެން ހުރުމަށް ފަހު ހުރަސްކުރުމުން މަޑުމަޑުން އަނެއް ކަނާ ދިމާލަށް ގޮސް އޭނާ ޑައިވްކުރީ ޕެލޭގެ ހަދާނެ ގޮތް ރަނގަޅަށް ދަނެގެން، ސީދާ އެ ބޯޅައިގެ ޓައިމިން އަށެވެ. އަދި ވެއްޓިގެންފައި، ގޯލުގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ބޯޅަ އަތުން ޖަހައި ބޭރުކޮށްލި އެވެ. އޭރު ބްރެޒިލްގެ ބައެއް ސަޕޯޓަރުން ތިބީ އުފާފާޅުކުރަން ފުންމައިގެން ތެދުވެ އެވެ.
"އަހަރެންގެ މަތިން މީހުން ހަނދާންކުރާނީ ވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔެއްގެ ބަދަލުގައި އެ ސޭވް ކުރި ކީޕަރުގެ ގޮތުގައި،" ބޭންކްސް ބުނެފައިވެ އެވެ.
އެ ފަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ހުޅަނގު ޖަރުމަން އަތުން އިންގްލެންޑް ބަލިވި މެޗުގައި ގަދަ ހުމެއްގެ ސަބަބުން ބޭންކްސް ނުކުޅެ އެވެ.
ބޭންކްސް ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ނިންމާލަން ޖެހުނީ 1972 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި އޭނާގެ އެއް ލޮލުގެ ފެނުން ގެއްލުމުންނެވެ. އޭރު ވެސް އޭނާ އަކީ ގައުމީ ޓީމާއި ސްޓޯކުގެ އެއް ވަނަ ކީޕަރެވެ. އެކަމަކު އޭގެ ފަހުން 1977 ވަނަ އަހަރު އެމެރިކާގެ ފޯޓް ލޯޑެޑޭލް ސްޓްރައިކާސް އަށް އަހަރެއްހާ ދުވަހު ކުޅުނެވެ. އަދި އިންގްލެންޑުގެ ޓެލްފޯޑް ޔުނައިޓެޑުގެ ކޯޗުކަން ވެސް ދުވަސްކޮޅަކު ކުރި އެވެ.
ކްލަބް ކެރިއަރުގައި، ލެސްޓާ ސިޓީއާ އެކު 1964 ވަނަ އަހަރު އިނގިރޭސި ލީގު އަދި ސްޓޯކް ސިޓީއާ އެކު 1972 ވަނަ އަހަރު ލީގު ކަޕް ކާމިޔާބުކުރުން ފިޔަވައި ބޮޑު ކާމިޔާބެއް ނުލިބެ އެވެ. އެކަމަކު އޭނާގެ އިންޑިވިޖުއަލް މޮޅު ކުޅުމާ އެކު 1966 އިން ފެށިގެން 1971 ވަނަ އަހަރާ ހަމަޔަށް، ކޮންމެ އަހަރަކު ފީފާގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހޯދި އެވެ.
ބޭންކްސް އަކީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓްރީ އެންޑް ސްޓެޓިސްޓިކް (އައިއެފްއެފްއެޗްއެސް) އިން ހޮވި 20 ވަނަ ގަރުނުގެ ދެ ވަނަ އަށް އެންމެ މޮޅު ގޯލްކީޕަރެވެ. އެއް ވަނަ އަކީ ސޯވިއެޓް ޔޫނިއަންގެ ލެވް ޔަޝިން އެވެ. ތިން ވަނަ އަކީ އިޓަލީގެ ޑިނޯ ޒޮފެވެ.