25 އޯގަސްޓް 2016 - 09:33

ކާބުލް (އޮގަސްޓް 25) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުރި އެމެރިކަން ޔުނިވާސިޓީ އަށް ހަތިޔާރު އަޅައިގެން ތިބި މީހުން ދިން ހަމަލާގައި 13 މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވި މީހުންގެ ތެރޭގައި ހަތް ކިޔަވާ ކުދިން ވެސް ހިމެނެ އެވެ. މީގެ އިތުރުން ފުލުހުންގެ ތިން މީހުންނާއި ތިން ގާޑުން ވެސް ވަނީ މަރުވެފަ އެވެ. ތިރީސް ފަސް ކުދިންނާއި ފުލުހުންގެ ނުވަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ކާބުލް ފުލުހުންގެ ވެރިޔާ އަބްދުލް އަހުމާން ރަހިމީ ވިދާޅުވީ 750 ކިޔަވާ ކުދިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ވަރަށް ހަވީރުގެ ވަގުތެއްގައި ދޭން ފެށި ހަމަލާތައް 10 ގަޑިއިރަށް ދެމިގެން ދިޔަ އެވެ. ހަމަލާ ދެމުން ދިޔަ ވަގުތު ކިޔަވާ ކުދިންނާއި ސްޓާފުންނަށް ތިބެން ޖެހުނީ ޔުނިވާސިޓީގެ ތެރޭގައި ތާށިވެފަ އެވެ. ސަލާމަތީ ފަރާތްތަކުން ހަމަލާދީ ވަނީ ހަމަލާ ދިން ދެ މީހުން މަރާލައިފަ އެވެ.
ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ.
ހަމަލާ ދިން އިރު ޔުނިވާސިޓީގެ ތެރޭގައި ތާށިވެފައި ހުރި ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ މައްސޫދު ހުސައިނީ ވަނީ އެހީ އަށް އެދި ޓްވީޓެއް ކޮށްފަ އެވެ. އަދި މިއީ އޭނާގެ އެންމެ ފަހު ޓްވީޓަށް ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަލާ އިން ސަލާމަތްވުމަށް ފަހު އޭޕީ އަށް އޭނާ ބުނީ އިރުއޮއްސި ހަތެއް ޖެހިއިރު ހަމަލާތައް ފެށި އިރު އޭނާ ހުރީ 15 ދަރިވަރުންނާ އެކު ކްލާހެއްގެ ތެރޭގައި ކަމަށެވެ.
"ވެގެން އުޅޭ ގޮތެއް ބަލާލަން ކުޑަ ދޮރުން ބޭރު ބަލާއިރު އާދައިގެ ހެދުމުގައި ހުރި މީހަކު އަހަންނަށް ފެނުނު. ދެން ކުއްލިއަކަށް އޭނާ އަހަންނާ ދިމާލަށް ބަޑި ޖެހި. އެ ހަމަލާގައި ކުޑަ ދޮރުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ. އަދި ވެއްޓުމުން ގަޔަށް ބިއްލޫރިތައް ހެރުނު،" ހުސައިނީ ބުންޏެވެ.
ހުސައިނީ ބުނީ ކިޔަވާ ކުދިން ކްލާސްރޫމުގައި ތިބި އިރު ދެ އަތު ބޮން އެއްލި ކަމަށާއި ބޮން ގޮވައިގެން ބައެއް ކުދިން ޒަޚަމްވި ކަމަށެވެ. ހުސައިނީ ބުނީ އޭނާއާ އިތުރު ނުވަ ކުއްޖަކު އިމަޖެންސީ ދޮރާއްޓަކުން ސަލާމަތްވި ކަމަށެވެ.
ޔުނިވާސިޓީގެ ދަރިވަރެއް ކަމަށްވާ އަހުމަދު މުޚްތާރު ބުނީ ބަޑީގެ އަޑުފައްގަނޑު އިވުނު އިރު އޭނާ ހުރީ ޔުނިވާސިޓީން ނުކުތުމަށް މައިދޮރާއްޓާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ކަމަށެވެ. ގޮއްވާލި އެއްޗެހީގެ ސަބަބުން ޖައްވު އަލިވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި ހަމަލާ އިން ސަލާމަތްވީ ހަ މީޓަރު އުސް ފާރެއްގެ މަތިން އަރައިގެން ކަމަށް އޭނާ ބުންޏެވެ.
ހަމަލާ ދީފައި މިވަނީ އެ ޔުނިވާސިޓީގެ ދެ މުވައްޒަފަކު ވަގަށް ނެގިތާ ދެ ހަފުތާ ފަހުންނެވެ. އެ މީހުން ވީތަނެއް އަދިވެސް ނޭނގެ އެވެ.
ކާބުލްގެ އެމެރިކަން ޔުނިވާސިޓީ ދަރިވަރުންނަށް ހުޅުވާލީ 2005 ވަނަ އަހަރު އެވެ. އަމިއްލަ ޔުނިވާސިޓީގައި އިނގިރޭސި ކޯސްތަކާއި ޕްރޮފެޝަނަލް އަދި ޑިގްރީ ކޯސްތައް ހިންގަ އެވެ. މި ޔުނިވާސިޓީގައި 1،700 ދަރިވަރުން ކިޔަވަ އެވެ. މީގެ ތެރޭން ގިނައީ ޕާޓް-ޓައިމް ދަރިވަރުންނެވެ.