12 ފެބުރުއަރީ 2019 - 14:28

ނިއު ދިއްލީ (ފެބްރުއަރީ 12) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހޮޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހުން މަރުވެއްޖެ އެވެ.

ހޮޓެލް އާޕިޓް ޕެލަސްގައި ރޯވި އަލިފާނުގައި ކުޑަ ކުދިން ވެސް ވަނީ މަރުވެފަ އެވެ. ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި ހަތަރު މީހަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަލިފާން ނިއްވާ މީހުން ވަނީ ހޮޓަލުން 35 މީހުން ސަލާމަތްކޮށްފަ އެވެ.
"އަހަރެންނަށް ފަތިހު ހޭލެވުނު އިރު އެހީ އަށް އެދި ބަޔަކު ގޮވާ އަޑު އިވޭ،" ހޮޓަލުން ސަލާމަތް ކުރި ގެސްޓެއް ކަމަށްވާ ސިވާންދް ޗާންދު، 43، ބުންޏެވެ. "15 މިނިޓް ތެރޭ މުޅި ކޮޓަރިތެރެ ބޯ ދުމުން އަނދިރިވެއްޖެ."
ޒަޚަމްވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލްތަކުން ފަރުވާ ދެމުންނެވެ. ފުލުހުންގެ ޑިޕިއުޓީ ކޮމިޝަނާ މަންދީޕް ސިންގް ރަންދަވާ ވިދާޅުވީ ހޮޓަލުގައި އަލިފާން ރޯވި ސަބަބެއް އަދިވެސް ނޭނގޭ ކަމަށެވެ.
އަލިފާން ރޯވި ހޮޓާ ހުންނަނީ ދިއްލީގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގަ އެވެ. ފިހާރަތައް ގިނަ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ޓޫރިސްޓުން ވެސް ހަރަކާތްތެރިވެ އެވެ.
ހުޅަނގުގެ މަހާރާޝްތުރާ ސްޓޭޓުގެ ވެރިރަށް މުމްބާއީގެ ހޮސްޕިޓަލެއްގައި ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަ މީހުން ވަނީ މަރުވެފަ އެވެ. އަދި މުމްބާއީގެ ރެސްޓޯރެންޓެއްގައި 2017 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 14 މީހުން މަރުވެފަ އެވެ.