އިތުރު 10 ސްކޫލް އަޅާނެ ކަމަކަށް ނުބުނަން: މިނިސްޓަރު
އިތުރު 10 ސްކޫލް އަޅާނެ ކަމަކަށް ނުބުނަން: މިނިސްޓަރު

މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުނުވާ ކަމަށާއި ވިދާޅުވީ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމާ ގުޅޭގޮތުން ހެދި އޮޑިޓުން، އެވަރަށް ސްކޫލް އިތުރުކުރަންޖެހޭކަން ފާހަގަވި ވާހަކަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ހެދި ރިޕޯޓު ނެރުމަށް ރޭ މުހްޔިއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ، ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ ކްލާހާއި ވަސީލަތްތައް ނެތުމުގެ ސަބަބުން މާލެ ސަރަހައްދުގައި އިތުރު ސްކޫލުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ ވާހަކަ ރިޕޯޓުކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކަންބޮޑުވުންފާޅުކުރި ބައެއް މީހުން ބުނީ، މާލެ ސަރަހައްދުގައި އިތުރު ސްކޫލުތަކެއް އެޅުމުގެ ސަބަބުން މާލެ އިތުރަށް ތޮއްޖެހޭނެ ކަމަށެވެ. އަދި ޖަޒީރާ ރާއްޖެ އާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރާނެ ކަމަށް ވައުދުވިއަސް އަމަލުން އެކަން ނުފެންނަ ކަމަށް ވެސް ބައެއް މީހުން ކުރި ޓްވީޓުގައި ވެ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ސްކޫލުތަައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަންނަން ހެދި އޮޑިޓުގައި، މާލެ ސަރަހައްދުގައި މިހާރު އަޅާފައިވާ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރަން އިތުރު 10 ސްކޫލު ބޭނުންވާކަން އެނގުނު ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވީ މާލެ ސަރަހައްދުގައި އިތުރު 10 ސްކޫލު އަޅަން ނިންމި ވާހަކައެއްނޫން. އެގޮތަށް އޮޑިޓުން ދެއްކި ވާހަކަ. ދިރާސާތަކުން ދައްކާގޮތުގައި ސްކޫލެއް ފުރިހަމަގޮތުގައި ހިންގުމަށް ސްކޫލު ސައިޒު 800-1000 ގައި ބަހައްޓަން ޖެހޭ،" މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ.

ރާއްޖޭގައި މިވަގުތު ހުރި 213 ސްކޫލުގެ ތެރެއިން 151 ސްކޫލު މިހާރު ވެސް ހިންގަނީ އެއްދަންފަޅިއަށެވެ.

އޮޑިޓުގައި ބުނެފައިވާގޮތުގައި ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާލެ ސަރަހައްދަށެވެ. މާލޭގައި ދެ ދަންފަޅިއަށް ކިޔަވައިދޭ 13 ސްކޫލެއް ހުރިއިރު އެ ސްކޫލުތަކުގައި ހުސްޖާގަ ނެތުމަކީ، އެގޮތަށް ކިޔަވައިދިނުން ބަދަލުކުރަން އޮތް ހުރަހެއްކަން ފާހަގަކޮށްފައި ވެ އެވެ. އެހެންވެ 2023 ވަނަ އަހަރު އައުމުގެ ކުރިން ހުރިހާ ސްކޫލެއް އެއްދަންފަޅި ކުރުމަށް ބޭނުންވާ 838 ކްލާސްރޫމާއި ވަސީލަތްތައް ގާއިމްކުރަން 237.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް އޮޑިޓުން ބުންޏެވެ.

ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އޮޑިޓް ހެދުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ހިމެނޭ ކަމެކެެވެ.