25 އޯގަސްޓް 2016 - 10:14

ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދިއުމަށް އެކުލަވާލާ ސްޓްރެޓިޖިކް ޕްލޭންގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ފަށާނެ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްއާ މިދިޔަ މެއި 30 ވަނަ ދުވަހު ހަވާލުވުމަށްފަހު ތޯރިގު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ރާއްޖެއިން ބޭރުގެ ފަރާތެއްގެ އެހީއާ އެކު ހަދާ ޕްލޭން ވެގެންދާނީ ކުރިއަށް އޮތް 10 ނޫނީ 20 އަހަރު ރާއްޖޭގެ ފުޓްބޯޅަ އަށް ފައިދާކުރާނެ ޕްލޭނެއް ކަަމަށެވެ.
އެ ޕްލޭނަށް ބޭނުންވާ އެހީ ހޯދުމުގެ ގޮތުން އެފްއޭއެމުން ވަނީ ޔުވެންޓަސްގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ސްޕޯޓްސް ސައިންސް ޕްރޮފެސަރު ޑެންމާކުގެ ޔެންސް ބަންގްސްބޯގެ އެހީ ހޯދުމަށް ވެސް ނިންމައިފަ އެވެ. އެގޮތުން މި މަހު ފަހު ކޮޅު ބަންގްސްބޯ ރާއްޖެ އައިސް ބަންގްލަދޭޝް އާއި ލާއޯސްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.
"ބަންގްލަދޭޝް އާއި ލާއޯސް މެޗުގެ ޓެކްނިކަލް އެނަލައިސިސް ހަދާ ރާއްޖޭގެ ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ހުރިގޮތާ ދިވެހިރާއްޖޭގެ ފުޓްބޯޅަ އޮތް ލެވެލްގައި ދެނެގަންނާނެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތް ވެސް ބަންގްސްބޯ ކިޔައިދޭނެ،" އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވި އެވެ.
ސްޓްރެޓިޖިކް ޕްލޭން ހެދުމުގައި އެފްއޭއެމުން އެހީތެރިކަން ހޯދާ ކުންފުނީގެ މައުލޫމާތު އަންނަ މަހު ތެރޭގައި އިއުލާން ކުރާނެ ކަމަށާއި އެ ޕްލޭން ހަދާއިރު ބަންގްސްބޯދޭ އިރުޝާދުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށާއި އޭގެ އިތުރުން ނޫސްވެރިންގެ އެއްބާރުލުން ވެސް މި ކަމަށް ބޭނުންވާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންގްސްބޯ އަކީ ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި ކްލަބްތަކާ އެކު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށާއި އޭނާގެ އެހީތެރިކަމާ އެކު ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ މިހާރު ވަނީ މާކެޓް ކުރަން ޖެހިފައިކަމަށާއި އެފްއޭއެމުން ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތްތަކުގައި ހުރިހާ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ތޯރިގުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
އެފްއޭމުން ވަނީ އަންނަ ހޯމަ ދުވަހުގެރޭ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ ހާއްސަ މެޗަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ގެންނަން ނިންމައިފަ އެވެ. މި މެޗުގައި އަޔާލާ ކުޅުނު ނަމަވެސް ޒަވީ ނުކުޅޭނެ އެވެ.