25 އޯގަސްޓް 2016 - 09:31

ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރަން ލަފާ ދޭނެ މުޝީރަކު ހަމަޖައްސަން ކޮމަންވެލްތުން ނިންމައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮމަންވެލްތުގެ ވެބްސައިޓުގައި އިއްޔެ އާއްމުކުރި އިއުލާނެއްގައި ބުނި ގޮތުގައި "ސީނިއަ ލީގަލް އެޑްވައިޒަރު"ގެ ޒިންމާއަކަށް ވާނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި އެ ކޮމިޝަންގެ މަސައްކަތްތައް ހިނގާ ގޮތް ބަލައި އިސްލާހު ކުރެވޭނެ ގޮތްތައް ހުށަހެޅުމެވެ. އަދި ޖޭއެސްސީއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ބޭނުންވާނެ ލަފަ އާއި އިރުޝާދު ދިނުމަކީ ވެސް މުޝީރުގެ މަސްއޫލިއްޔަތެއް ކަމަށް އެ އިއުލާނުގައިވެ އެވެ.
"މި ކަމުގެ ބޭނުމަކީ ގާނޫނުގެ ހުކުމް ރާއްޖޭގައި ނެގެހެއްޓުމާ އެކު ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމެވެ،" އަންނަ މަހުގެ 11އާ ޖެހެންދެން ކުރިމަތިލެވޭ ގޮތަށް ކޮށްފައިވާ އިއުލާނުގައިވެ އެވެ.
- ޖޭއެސްސީ އަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަން ހުށަހެޅުން
- މިހާރު އަމަލުކުރަމުންދާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ބަލައި ހަރުދަނާ ކުރެވޭނެ ގޮތްތައް ހުށަހެޅުން.
- ޖޭއެސްސީގެ މަސައްކަތްތައް ވަޒަންކުރަން ގެންގުޅޭ މިންގަނޑުތަކާއި އުސޫލުތައް ބަލައި ހަރުދަނާ ކުރެވޭނެ ގޮތްތައް ހުށަހެޅުން
- ޖޭއެސްސީގެ އޮނިގަނޑާއި އެ ނޫން ވެސް އެ ކޮމިޝަންގެ މަސައްކަތްތައް ބައްޓަން ކުރާ އުސޫލުތައް ބަލައި ޖޭއެސްސީގެ މިނިވަންކަން ކަށަވަރު ކުރެވޭނެ ގޮތަށް އެ ކަންކަން ވަރުގަދަ ކުރާނެ ގޮތްތައް ހުށަހެޅުން
- ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީގެ މަސައްކަތްތައް ވަޒަންކުރާ އުސޫލުތައް ބަލައި ހަރުދަނާ ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެ ކަންކަން ހުށަހެޅުން
އިއުލާނުގައިވާ ގޮތުން އެއް އަހަރުގެ މުއްދަތަށް ރާއްޖޭގައި މަސައްކަތް ކުރައްވާ މުޝީރު ރިޕޯޓުކުރައްވާނީ ޖޭއެސްސީގެ ރައީސަށެވެ. މަތީ ކޯޓެއްގެ ފަނޑިޔާރުކަން ނުވަތަ ދިގު މުއްދަތަކަށް ވަކީލުކަން ކުރައްވައި މި ދާއިރާ އިން ތައުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކޮމަންވެލްތުގެ ކޮންމެ ގައުމެއްގެ ބޭފުޅަކަށް ވެސް މި މަގާމަށް ކުރިމަތިލެއްވޭނެ އެވެ.
އިނާޔަތްތަކުގެ ބޭރުން އަހަރަކު 48،400 ޕައުންޑް (982،776 ރުފިޔާ) ދޭ ގޮތަށް ޖޭއެސްސީ އަށް މުޝީރަކު ހަމަޖައްސަން ކޮމަންވެލްތުން ނިންމި އިރު، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރު ވެފައި ނެތް ކަމަށާއި އިންސާފުވެރި ޝަރީއަތްތަކެއް ވެސް ހިންގަމުން ނުދާ ކަމަށް ބޭރުގެ އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ކޮމަންވެލްތު ވެސް ހިމެނޭއިރު، ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެ ކޮމިޝަނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ.
ބޭރުގެ ފާޑުކިޔުންތަކާ ގުޅިގެން ކޮމަންވެލްތާ އެކު މަސައްކަތް ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އޭގެ ތެރޭގައި ހިމެނޭ މުހިއްމު ބައެކެވެ.
ކޮމަންވެލްތުން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން ހާއްސަ މަންދޫބެއް ވެސް ކަނޑައަޅާފަ އެވެ. ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ އަށް ކަނޑައަޅުއްވާ ހާއްސަ މަންދޫބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ މި މަހު ކުރީކޮޅު ރާއްޖެ ވަޑައިގެން، ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވި އެވެ. ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކުރެއްވި އެ ދަތުރު ނިންމަވާލެއްވުމަށް ފަހު އޭނާ ފުރާވަޑައިގަތީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
މީގެ އިތުރުން، ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުމެއް އަންނަ މަހު ބާއްވާނެ އެވެ. މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް ބޭއްވި ސީމެގްގެ ބައްދަލުވުންތަކުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަމެއް އިސްލާހު ކޮށްފައިވޭތޯ މި ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.