ރިތިކް ރޯޝަންގެ "ސުޕަ 30" ނިންމައިދެނީ ޑައިރެކްޓަރު އަނޫރާގް ކެޝަޕް
ރިތިކް ރޯޝަންގެ "ސުޕަ 30" ނިންމައިދެނީ ޑައިރެކްޓަރު އަނޫރާގް ކެޝަޕް

އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ނިންމަން ޑައިރެކްޓަރު އަނޫރާގް ކެޝަޕް ހަވާލުވެއްޖެ އެވެ.

އެކަން ކަށަވަރުކޮށްދެމުން އޭނާ ބުނީ ފިލްމުގެ ޝޫޓިން އޮތީ ނިމިފައިވާ ކަމަށާއި އަލުން ޝޫޓް ކުރަން ޖެހޭ މަންޒަރެއް ނެތުމުން، އޭނާގެ ބެލުމުގެ ދަށުން "ސުޕަ 30" ގެ އެޑިޓިން އާއި ޑަބިން އާއި ބެކް މިއުޒިކް ފަދަ ބޮޑެތި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތާ މިދިޔަ އަހަރު "މަންމަރުޒިޔާ" ގެނެސް ދިން އަނޫރާގް ހަވާލުވީ ފިލްމުގެ ޑައިރެކްޓަރުގެ ކްރެޑިޓް ނުނަގާ ގޮތަށެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސުޕަ 30" ގެ ނުނިމި ހުރި މަސައްކަތަކާ ހަވާލުވީ ޑައިރެކްޓަރު ކަބީރު ހާނެވެ. ނަމަވެސް ފިލްމަށް އައު ޑައިރެކްޓަރަކު ނުނަގާ ކަމަށް މި ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސްތަކުން ބުންޏެވެ.

ދެހާސް ސާދައިގައި ކަންގަނާ ރަވާނަތަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ކްއީން" ވެސް ޑައިރެކްޓް ކުރި ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ "ސުޕަ 30" މިދިޔަ މަހުގެ 25 ގައި ރިލީޒް ކުރަން މިދިޔަ އަހަރު ނިންމާފައި ވަނިކޮށް، އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، މައްސަލަތައް ކޯޓްގައި ހިނގަމުން ފެށުމުން ފިލްމުގެ މަސައްކަތްތަކުން ވަނީ އެކަހަރިކޮށްފަ އެވެ. އަދި ރިތިކް ވަނީ ވިކާސްއާ އެކު މައްސަކަތް ނުކުރަން ނިންމައިފަ އެވެ.

"ސުޕަ 30" އަކީ ކުރިން ވިކާސް އާއި އަނޫރާގް، މަދޫ މަންޓޭނާގެ އިތުރުން ވިކްރަމަތިޔާ މޮޓްވާނޭ ހިއްސާވާ ކުންފުނި ފެންޓަމް ފިލްމްސް އާއި ރިޔަލަންސް އެންޓަޓައިންމަންޓާއި ނަދިއަދްވާލާ ގްރޭންޑް ސަން ގުޅިގެން ހަދަން ފެށި ފިލްމެކެވެ.

ނަމަވެސްގެ ވިކާސްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމުން ފެންޓަމް ވަނީ އުވާލައިފަ އެވެ.

"ސުޕަ 30" އިން ވިކާސް ބޭރުކޮށްލައި، ފިލްމު ސިނަމާތަކަށް ގެނައުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ރިތިކާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ މުރްނާލް ތާކޫރެވެ.