13 ފެބުރުއަރީ 2019 - 06:32

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒްކުރި "ބާގީ" ގައި ވެސް ބަތަލާގެ ރޯލް ކުޅުނު ޝްރަދާ ކަޕޫރް މި ފްރެންޗައިޒްގެ ތިން ވަަނަ ފިލްމަށް ވެސް ސޮއިކޮށްފި އެވެ.
މީގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާގެ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑް ސަން އިން ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.
"ބާގީ" ގައި ޓައިގާ ޝްރޮފާ އެކު، އެކްޝަން ރޯލެއް ކުޅެން ލިބި، އެ ރޯލުން ތަފާތު އެކްޓިންއެއް ދައްކައި، ބެލުންތެރިންގެ ތައުރީފު ހޯދި ނަމަވެސް، މިދިޔަ އަހަރު ރިލީޒް ކުރި "ބާގީ 2" އިން ޝްރަދާ އަށް ފުރުސަތެއް ނުލިބެ އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު އެ ފިލްމުގެ ބަތަލާއަކީ ޓައިގާގެ ލޯބިވެރިޔާ ޑިޝާ ޕަޓްނީ އެވެ. މި ސީރީޒްގެ ތިން ވަނަ ބައިން ޝްރަދާ އަށް އަލުން ފުރުސަތު ލިބިފައި މި ވަނީ ފިލްމުގެ ބަތަލާއަކަށް ޓައިގާގެ އަލަތު ފިލްމު ހީރޯޕަންތީ (2013) ގެ ބަތަލާ ކްރިތީ ސެނަން އާއި ސާރާ އަލީ ހާނަށް ވެސް ފިލްމު ހުށަހަޅާފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
"ބާގީ" ގައި ޝްރަދާ އަށް މަސައްކަތް ކުރަން ޖެހުނީ ޑައިރެކްޓަރު ސައްބީރު ހާނާ އެކު ކަމަށް ވިޔަސް، ތިން ވަނަ ބައިގައި މަސައްކަތް ކުރަން ފުރުސަތު މި ލިބުނީ "ބާގީ 2" ވެސް ޑައިރެކްޓް ކުރި އަހުމަދު ހާނާ އެކީގަ އެވެ.
މި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، "ބާގީ 3" ސިނަމާތަކަށް އަންނާނީ މާޗް، 6، 2020 ގަ އެވެ.
ޝްރަދާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗިޗޯރް"، "ސާހޯ"، "ސްޓްރީޓް ޑާންސާ" އަދި "ސައިނާ" ހިމެނެ އެވެ.