ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"މޭނޭ ޕިޔާރް ކިޔާ" އިން މަޝްހޫރުކަން ހޯދި ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީގެ އަލަތު ފިލްމު "މަރުދު ކޯ ދަރުދީ ނެހީ ހޯތާ" ގެ ޕޯސްޓަރު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 21 ގަ އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ މި އެކްޝަން ކޮމެޑީއަކީ މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކޮށްފައިވާ ފިލްމެކެވެ.

އަބިމަންޔޫއާ އެކު "މަރުދު ކޯ ދަރުދީ ނެހީ ހޯތާ" ގައި ބަތަލާގެ ރޯލް ކުޅެފައި ވަނީ ކަލާޒުން ގެނެސް ދިން ސިލްސިލާ "މޭރީ އާޝިގީ ތުމް ސޭ ހީ" އިން ވިދައިލި ރާދިކާ މެނަން އެވެ. އޭނާއަކީ މިދިޔަ އަހަރު ވިޝާލް ބަރަދްވާޖް ގެނެސް ދިން "ޕަޓާޙާ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ.

އަބިމަންޔޫ އާއި ރާދިކާއާ އެކު ފިލްމުން ފެންނާނެ އިތުރު ކާސްޓުންގެ ތެރޭގައި ގުލްޝަން ދެވިއާ، މަހޭޝް މަންޖްރޭކަރް އަދި ޖިމިތު ތުރިވޭދީ ހިމެނެ އެވެ.

ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ޝަރުމާ އާއި ބޯޖްޕޫރީ އެކްޓަރު ރަވީ ކިޝަންގެ އަންހެން ދަރިފުޅު ރިވާ ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ސަބް ކުޝަލް މަންގަލް" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުންނަ ކަރަން ކޭޝަޕް ޑައިރެކްޓް ކުރާ މި ފިލްމުގެ މުހިއްމު ރޯލަކުން އަކްޝަޔޭ ކަންނާ ވެސް ފެނިގެން ދާނެ އެވެ. މި އަހަރު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ ހެއްވާ މަޖާ ލޯބީގެ ފިލްމެކެވެ.

"ސަބް ކުޝަލް މަންގަލް" ގެ ޑައިރެކްޓަރު ކަރަން ކުރިން ވަނީ މަޝްހޫރު ބައެއް ޑައިރެކްޓަރުންނާ އެކު އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި މަނީ ރަތުނަމް އާއި ޝިމިތު އަމީންގެ އިތުރުން ޝާދު އަލީ ހިމެނެ އެވެ.

ބޮލީވުޑްގެ އެކްޓަރު އަރްބާޒް ހާން ކުޅޭ ފުރަތަމަ ކަންނާޑާ ފިލްމު "ވެއާ އިޒް މައި ކަންނާޑަކާ؟" ރަސްމީކޮށް، ލޯންޗްކޮށް، ފިލްމުގެ މަސައްކަތް ފަށައިފި އެވެ.

ކަންނާޑާ ފިލްމު އިންޑަސްޓްރީގެ ދެ ޑައިރެކްޓަރުން ކަމަށްވާ އަދި ދެމަފިރިން ކަމަށްވާ ރާޖް އާއި ދާމިނީ ޑައިރެކްޓް ކުރާ ފިލްމުގައި އަރްބާޒާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ ޕަޓްރަލޭކާ އެވެ. އޭނާއަކީ ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރާޖްކުމާރު ރާއޯގެ ލޯބުވެރިޔާ އެވެ.

ސަލްމާން ހާންގެ ކޮއްކޮ އަރުބާޒް ކަންނާޑާ ފިލްމެއްގެ މަސައްކަތް ފެށި އިރު، އަންނަ އެޕްރީލް މަހުގެ ތެރޭގައި އޭނާ ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ސަލްމާންގެ ކާމިޔާބު ފްރެންޗައިޒް "ދަބަންގް 3" ގެ ޝޫޓިން ވެސް ފަށާނެ އެވެ.

"ގޯލްމާލް" އާއި "ރަންގް ދެ ބަސަންތީ" އަދި "3 އިޑިއަޓްސް" ފަދަ މަޝްހޫރު ފިލްމުތައް ކުޅުނު ނަމަވެސް، މިހާރު އެހާ ވައިގައި ހިފާ ކަހަލަ ފިލްމަކުން ނުފެންނަ ހުނަރުވެރި އެކްޓަރު ޝަރުމަން ޖޯޝީ "ފައުޖީ ކޯލިން" ކިޔާ ފިލްމަކަށް ސޮއިކޮށް، އޭގެ މަސައްކަތް ފަށައިފި އެވެ.

އާރިޔާން ސަކްސޭނާ ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޒަރީނާ ވައްހާބް، މުދްގާ ގޮޑްސޭ، ރާންޖާ ވިކްރަމް ސިންގް އަދި ބިދިގާ ބޭގް ހިމެނެ އެވެ.

"ފައުޖީ ކޯލިން" ގެ ޕޯސްޓަރު ވެސް ވަނީ ދައްކާލައިފަ އެވެ. މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވިޔަސް، ޝަރުމަން ޓްވިޓާގައި ހިއްސާ ކުރި ޕޯސްޓަރުގެ ކެޕްޝަނަށް ބަލާ އިރު މިއީ އަސްކަރީ އޮފިސަރެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ގަބޫލު ކުރެވެ އެވެ.

ޝަރުމަން، 39، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރި "ކާޝީީ: އިން ސާޗް އޮފް ގަންގާ" އެވެ.